ގްރޭޑް އަށެއްގެ އިނގިރޭސީ ޓެކްސްޓް ފޮތުގައި "މިތިކަލް ގޯޑްސް" އާ ގުޅޭ ގޮތުން ހިމަނާފައިވާ ފިލާވަޅު، އިސްލާމްދީނުގެ އަސާސްތަކާއި ފުށޫ ނާރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
ގްރޭޑް އަށެއްގެ އިނގިރޭސީ ފޮތުގެ ހަތް ވަނަ ސޮފްހާ އާއި އަށް ވަނަ ސޮފްހާގައި ހިމެނޭ ފިލާވަޅުގައި ވަނީ ޕްލެނެޓްތަކަށް ނަން ދެވުނު ގޮތެވެ. އެގޮތުން، ރޯމަން އަދި ގްރީކްގެ "މިތިކަލް ގޯޑްސް" ގެ ނަންތަކުން ޕްލެނެޓްތަކަށް ނަން ދެވިފައިވާކަން އެ ފިލާވަޅުގައި ކިޔަވައިދެއެވެ. އެ ފިލާވަޅު ނަގައިދެނީ ޑިސްކަޝަނެއްގެ ގޮތުގައެވެ.
ގްރޭޑް އަށެއްގެ އިނގިރޭސީ ފޮތުގައި ހިމެނޭ މި ފިލާވަޅަކީ އިސްލާމްދީނުގެ އަސާސްތަކާއި މާތް ﷲގެ އެއްކައުވަންތަކަމާއި ފުށުއަރާ ފިލާވަޅެއް ކަމަށް ބުނެ ބައެއް ބެލެނެވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަފީއު ވިދާޅުވީ ޕްލެނެޓްތަކަށް ނަން ދެވިފައިވާގޮތް ދަރިވަރުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި ރޯމަނާއި ގްރީކުގެ "މިތިކަލް ގޯޑްސް އެންޑް ގޯޑެސަސް" އަކީ ޚިޔާލީ ފުލޯކު ވާހަކަތަކެއް ކަން އެ ފިލާވަޅުން ދަރިވަރުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މި ފިލާވަޅުގެ ޒަރީޔާއިން މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަން ދަރިވަރުންނަށް ކިޔައިދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމްދީނުގައި އޮންނަނީ ކަންކަން އޮޅުންފިލުވައި ހަގީގަތް ހޯދުމަށް ކަމަށެވެ. އެހެން ކަމަށްވާއިރު، ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ބަންދުކޮށްގެން އިލްމު ނުފެތުރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންކަން ބުނެދެނީ ހަގީގަތް އޮންނަ ގޮތް އޮޅުންފިލުވައިދޭން، އެ ފިލާވަޅުގައި ނޯންނާނެ ތަފާތު ކަލާނގެތަކެއްވާ ކަމަށް، އެއީ މިތިކަލް ކަމަށް ނުވަތަ ޚިޔާލީ ފުލޯކު ކަމަށް އޮންނާނީ. މިތިކަލްގެ މާނަވެސް ވަކިން ބުނެދީފައި އޮންނާނެ. މިސާލަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ މިތިކަލް ކަމެއް، ސްކޫލްތަކުގައި ކިޔަވައިދޭ ކަމއް ރާއްޖެ އިސްލާމްދީނަށް ބަދަލުވިގޮތް، ރަންނަމާރި އެރި ވާހަކަ، އެފަދަ ފުލޯކު ވާހަކަ ކޮންމެ މުޖުތަމައުއެއްގައި ހުރޭ،" ޝަފީއު ވިދާޅުވި އެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ ގްރޭޑް އަށެއްގެ އިނގިރޭސީ ފޮތަކީ ވެސް އެހެން ފޮތްތައް ފަދައިން ކަރިކިއުލަމް ތައްޔާރުކުރާ ފަރާތްތަކުން ބެލުމަށްފަހު، އިސްލާމްދީނާއި ފުށުނާރާ ކަމަށް ނިންމައި، ހުއްދަ ދީފައިވާ ފޮތެއް ކަމަށެވެ.
ގްރޭޑް އަށެއްގެ އިނގިރޭސީ ފޮތުގައިވާ މި ފިލާވަޅު ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައިދީފައި ވާއިރު، މި ފިލާވަޅާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެއްބަޔަކު ބުނަމުންދަނީ އެއީ އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކައެއް ކަމަށެވެ. އެ ފަރާތްތަކުން ބުނަނީ އިސްލާމް ފޮތުގައި މާތް ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަމަށް ފިލާވަޅު ނަގައިދޭއިރު، އިނގިރޭސީ ފޮތުގައި ގިނަ ކަލާނގެތަކެއްގެ ވާހަކަ އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް، އަނެއް ބައި ފަރާތްތަކުން ބުނަމުންދަނީ އެއީ ދަރިވަރުންނަށް އެނގެންޖެހޭ މައުލޫމާތުތަކެއް ކަމަށާއި، އެ މައުލޫމާތުތައް ހޯދަން ބޭނުންވާ ދަރިވަރަކަށް ކިޔަވައިނުދިނަސް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ފިލާވަޅުގައި ހުރި ކަންކަން އިސްލާމްދީނުގެ އަސްލަކާއި ފުށުއަރާ ކަމަށް ގަބޫލުުކުރެވޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.