ކޯޓުތަކުގެ ވަކާލާތު ކުރުމުން ސަސްޕެންޑް ކޮށްފައި ތިބި ވަކީލުންގެ މައްސަލަތައް ބަލަމުންދާ ކަމަށާއި، މައްސަލަތައް ބަލާ ނިމޭ ވަރަކުން ވަކާލާތު ކުުރުމުގެ ހުއްދަ އަނބުރާ ދޭނެ ކަމަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ބުނެފި އެވެ.
ރާއްޖެއެމްވީއިން ކުރި ސުވާލަކާއި ގުޅިގެން، ޑީޖޭއޭގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ، ސަސްޕެންޑް ކޮށްފައި ތިބި ވަކީލުންގެ މައްސަލަތައް ބަލަމުންދާ ކަމަށާއި، އެ މައްސަލަތައް ބަލާ ނިމޭ ވަރަކުން ހުއްދަތައް ދެމުންދާނެ ކަމަށެވެ. އަދި، މައްސަލަ ބަލާނިމޭއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ކަމަށް ފާހަގަކުރެވިއްޖެނަމަ އެ ވަކީލެއްގެ މައްސަލަ ޖިނާއީ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަކީލުންތައް ހާޒިރުކޮށް، މައްސަލައާ ގުޅިގެން ބަޔާންތައް ނަގަމުންދާ ކަމަށެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން، 54 ގާނޫނީ ވަކީލެއް ސަސްޕެންޑު ކުރި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވަކީލުންތައް ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.
އެ ވަކީލުންތައް ސަސްޕެންޑް ކުރިއިރު ވެސް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމްއާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުންނެވީ ސަސްޕެންޝަނުގަ އެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ސަސްޕެންޝަނަކަށް ފަހު ޑީޖޭއޭއިން ވަނީ އަންގާރަ ދުވަހު ޝަމީމްގެ ސަސްޕެންޝަން އުވާލާފައެވެ.
އެކި ފަހަރުގެ މަތިން ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 43 ވަކީލެއްގެ ސަސްޕެންޝަން ވަނީ މިހާރު އުވާލާފަ އެވެ. މިހާރު ސަސްޕެންޝަނުގައި ތިއްބެވީ 12 ވަކީލެކެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރުންތަކެއް ހިމެނޭ ގޮތަށް 35 ވަކީލުންނެއް ނިކުމެވަޑައިގެން، ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުއްވިއެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާއަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، އަދުލު އިންސާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިސާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާތީ އެވެ.
ވަކީލުންގެ ސަސްޕެންޝަން އުވާލަން ފެށީ، ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތަކުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔަން ފެށުމުންނެވެ. އެގޮތުން ލޯ އޭޝިއާއާއި، އެމްނެސްޓީ އިންޓަނޭޝަނަލްއާއި، އިންޑިއާ ސުޕްރީމް ކޯޓް ބަރ އެސޯސިއޭޝަންގެ އިތުރުން އިންޓަނެޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން ވަނީ ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.