ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަދަމުން ދިޔަ ބައެއް ލެބޯޓްރީ ޓެސްޓުތައް ހުއްޓިއްޖެއެވެ.
އެނގިފައިވަނީ ހޮސްޕިޓަލުގެ ލެބޯޓަރީގައި ކުރިން ހަދަމުން ދިޔަ ބައެއް ޓެސްޓްތައް މެދުކެނޑިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދައްވަމުންދިއުމާ ގުޅިގެން ހިދްމަތް ހޯދަމުންދާ ބައެއް ފަރާތްތަކުންނާއި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާއާއި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެނގިފައިވާ ގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލުން ޓައިރޮއިޑްގެ އެއްވެސް ޓެސްޓެއް މިހާރު ނުހެދެ އެވެ. އަދި ކުރިން އެދެމުންދިޔަ ކިޑްނީގެ ބައެއް ޓެސްޓްތަކާއި ފުރަމޭގެ ބައެއް ޓެސްޓްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުންނަ މައި ހޮސްޕިޓަލް ކަމަށްވާއިރު, ގިނަ އަދަދެއްގެ ބަޔަކު ހިދްމަތް ހޯދުމަށް ދާއިރު އެކަށީގެންވާ ގޮތެއްގައި ހިދްމަތް ލިބެމުންނުދާ ކަމުގެ ޝަކުވާތައް ވަނީ އިތުރު ވެފައެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް ފެންމަތިވާން ފެށީ ސަރުކާރުން އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އާ އެކު އެބަސްވުމެއްގައި ސޮއިކުރި ފަހުންނެވެ. އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އާއި ދިވެއްސެއް ކަމަށްވާ އަލީ އުސެއިދު 20 ޕަސެންޓް ހިއްސާ އޮންނަ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.
ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށް ފަހު، ހޮސްޕިޓަލް ހިންގުމާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ކުޅުފުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުނިން ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ފަރާތެއްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.