ތާޖުއްދީން ސްކޫލް (ޓީއެސް) ތެރެއަށް ބަޔަކު ވަދެ، މާރާމާރީ ހިންގައި ޒަހަމްކޮށްލި ކުއްޖާއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މާރާމާރީގައި ޒަހަމްވި ކުއްޖާ، އައިޖީއެމްއެޗަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ކުއްޖާގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވިޔަސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ތާޖުއްދީން ސްކޫލަށް ވަދެ، ބަޔަކު މާރާމާރީ ހިންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ވަގުތުގައެވެ. އެ މާރާމާރީ ހިންގި މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔަ ކަމެއް އަދި ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.
ތާޖުއްދީން ސްކޫލުގައި މާރާމާރީ ހިންގީ ދެ ދަންފަޅި ބަދަލުވި ވަގުތު ބެލެނެވެރިންނާއެކު ވަތް ބައެކެވެ. އެ މާރާމާރީގައި ފިރިހެން ކުއްޖެގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހައި ޒަހަމްކޮށްލުމުގައި އުޅުނީ އެ މީހެއް ކަމަށްވެއެވެ.