ހައިކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް އައިސްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މީގެކުރިން، ކޮންމެ އަހަރެއްގެ ފަހުކޮޅު ހައިކޯޓު ރިސެސްއަށް ދިޔަ ނަމަވެސް، މިއަހަރު ރިސެސްއަށް ގޮސްފައި ނުވެއެވެ. ހައިކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލަކީ، ރިސެސްއަށް ދިއުމުގެ ކުރިން އެކަން އާންމުކޮށް އިއުލާނުކުރުމެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެފަދަ އެއްވެސް އިއުލާނެއް ކޮށްފައިނުވެ އެވެ.
ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުގައި، އެ ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަޑުއެހުމެއް ނުބާއްވާ ސަބަބެއް ކޯޓުން ނުބުނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ހައިކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް އައީ މިދިޔަ އަހަރުގެ ފަހުކޮޅު ފަނޑިޔާރުން ޗުއްޓީ ނެންގެވުމުންނެވެ.
ހައިކޯޓަކީ ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކޯޓެކެވެ. އެގޮތުން އެކޯޓުގައި މިހާރު ތިއްބަވަނީ ހަތަރު ފަނޑިޔާރުންނެވެ. ދެން ތިއްބަވަނީ، ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުންނެވެ.
ފަނޑިޔާރުންގެ ދަތިކަން ދިމާވެ މައްސަލަތައް ލަސްވާތީ، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި މަސައްކަތް ކުރެއްވި އެވެ. އެ މުއްދަތު ހަމަވަމުން ފަނޑިޔާރުން ވަނީ އެނބުރި ދެކުނު ގޮތްޕަށް ވަޑައިގަންނަވާފައެވެ. އެހެން ނަމަވެސް، ދެކުނު ގޮފީގައި ވެސް ޝަރީއަތެއް ކުރިއަށް ނުދެ އެވެ.
ހައިކޯޓަށް ދިމާވެފައިވާ ފަނޑިޔާރުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެެނެސްފައެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނު އިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަތާ ވެސް މިހާރު ވަނީ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައެވެ.
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.
މި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުޖާއުއާއި، އަބްދުލްޣަނީގެ އިތުރުން ފަނޑިޔާރު ޝުއައިބު މަސައްކަތް ކުރައްވަނީ އައްޑޫ ސިޓީ ހުޅުދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައެވެ.