މަޖިލިސް މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ މެމްބަރުންނާ ގުޅޭ ގޮތުން ސާފު ބަހެއް ސުޕްރީމް ކޯޓު (އެސްސީ) ބުނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ސާފުކޮށްދޭން ޖެހޭނީ އެތައް ހާސް ރައްޔިތުންގެ ވަކީލުންނާ ގުޅޭ ކަމެއް ކަމަށެވެ.
"މިކަން ލަސްކުރުމަކީ ސުޕްރީމް ކޯޓުގެ އިހުމާލެއް،" ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވަނިކޮށެވެ.
ބުދަ ދުވަހުގެ ރޭ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ، ތިބެގެން ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު މެމްބަރުން ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އެ މައްސަލާގައި ޖަވާބު ހޯދުމަށް މައްސަލަ ހުށަހެޅުއްވި މެމްބަރުން ގެންދަވަނީ ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަމުންނެވެ.