ކްލޯއީ ކާޑޭޝިއަންއަށް ދުވަހަކު ވެސް ދަރިއެއް ނުލިބޭނެ ކަމަށް ހީކުރެވުނު ކަމަށް އޭނާގެ މަންމަ ކްރިސް ޖެނާ ބުނެފިއެވެ.
ކްރިސް ޖެނާ މިހެން ބުނީ ރިއަލިޓީ ޝޯއެއް ކަމަށްވާ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ އެންމެ ފަހުގެ އެޕިސޯޑުގައެވެ. ކްރިސް ބުނީ ކްލޯއީ ބަލިވެއިނުން އެއީ އޭނާއަށް މިހާތަނަށް އިވުނު އެންމެ މުހިއްމު ޚަބަރު ކަމަށެވެ.
"އަހަރެން ހީކުރީ ކްލޯއީއަށް ދުވަހަކު ވެސް ދަރިއަކު ނުލިބޭނެ ކަމަށް. ކްލޯއީ ބަލިވެއިނުން އެއީ މިހާތަނަށް އަހަންނަށް އިވުނު އެންމެ މުހިއްމު ޚަބަރު" ކްރިސް ބުންޏެވެ.
ކްރިސް ބުނީ ކްލޯއީ ބަލިވެއިނުމުން އޭނާ ހުރީ ވަރަށް ހައިރާންވެފައި ކަމަށެވެ. އޭނާ ހީކޮށްގެން ހުރީ ކްލޯއީ ވެގެންދާނީ ދަރިއަކު ނުލިބޭ އަންހެނުންގެ ތެރެއިން ކަމަށެވެ.
މީގެ ކުރިން ކްލޯއީއާއި އޭނާގެ ފުރަތަމަ ފިރިމީހާ ލަމަރް އޮޑޮމް އާއި ދެމީހުން ކުރިން ދަރިއަކު ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ "ކީޕިން އަޕްވިތު ކާޑޭޝިއަން"ގެ އެޕިސޯޑުގައި ކްލޯއީ ދަރިއަކު ހޯދުމަށް އުނދަގޫވާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އޭނާ "އައިވީއެފް" ކޮށްގެން ދަރިއަކު ހޯދުމަށް ކުރި މަސައްކަތް އެފަހަރު ވަނީ ނާކާމިޔާބުވެފައެވެ. އެދެމީހުން ވަރިވެފައި ވަނީ މިދިޔަ އަހަރުތެރޭގައެވެ.
އުމުރުން 33 އަހަރުގެ ކްލޯއީ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން 26، އަށް ދަރިއަކު ލިބެން އުޅޭކަން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކްލޯއީ ބަލިވެ އިންކަން އިއުލާން ކުރީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅުގައެވެ. ކީޕިން އަޕް ވިތު ކާޑޭޝިއަންގައި އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ކްލޯއީ ބަލިވެއިންކަން ހާމަކުރުމުން އެ އާއިލާ ވަނީ ކްލޯއީއަށް އުފަލާއިއެކީ މަރުހަބާ ކިޔާފައެވެ.
ކްލޯއީ ބަލިވެއިން ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހުގައި އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ޖަހާފައި ވަނީ ކުއްޖަކު ލިބުން އެއީ އޭނާ އެންމެ ދެކޭ ހުވަފެން ކަމަށެވެ. އޭނާ އާއި ޓްރިސްޓަން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށާއި އެކަމަށް ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ކްލޯއީ ބުނެފައިވެއެވެ. އަދި އޭނާ ދެކެ ޓްރިސްޓަން ވާ ލޯތްބަށް ޝުކުރުވެރިވާ ކަމަށް އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ކްލޯއީ ވަނީ ބުނެފައެވެ. މީގެ އިތުރުން ބަލިވެ އިނުމުން އޭނާއަށް ޓްރިސްޓަން އަޅާލާ އަޅާލުމަށާއި ދޭ ލޯތްބަށް ކްލޯއީ ވަނީ ޝުކުރު އަދާކޮށްފައެވެ. ބަލިވެ އިނުން އެއީ އޭނާގެ ހަޔާތުގައި އެކިކަހަލަ އިހްސާސްތައް ގެނުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްލޯއީ ވަނީ ބުނެފައެވެ.
މިއީ ކްލޯއީގެ އަލަތު ދަރިފުޅަށް ވީނަމަވެސް ޓްރިސްޓަން އަށް ވަނީ 1 އަހަރުގެ ކުއްޖަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޯޑަން ކެރައިގް އަށެވެ.