ރާއްޖެއިން ބޭރުން އެތެރެކޮށް ވިއްކާ ކުކުޅުބިސް ވަކި މިންގަނޑެއްގައި ބަހައްޓައިގެން ވިއްކުމަށް ހެލްތް މިނިސްޓްރީން ކަނޑައަޅަފައިވާ މިންގަނޑުތަކަށް އަމަލު ކުރަން ލާަޒިމް ވެއްޖެ އެވެ.
ރާއްޖެއިން ބޭރުން އެތެރެކޮށް ވިއްކާ ބިސް ހުންނަން ޖެހޭނެ މިންގަނޑު ހެލްތް މިނިސްޓްރީން އިއުލާން ކުރީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭރު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އެ ޝަރުތުތަކާ އެއްގޮތައް އަމަލު ކުރަން ޖެހޭނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި އެކަން އަންގާރަ ދުވަހު އެ މިނިސްޓްރީގެ އިއުލާނެއްގައި އެކަން ހަނދާންކޮށްދީފައިވެ އެވެ.
ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި ޓްރީމަންޓް ނުދީ އަދި ފިނި ނުކޮށް ކުކުޅުބިސް ވިއްކަން ބަހައްޓަން ވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަ ވެގެން 28 ދުވަސް ވަންދެނެވެ.
އަދި ފިނިކޮށްފައި ބަހައްޓަން ވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަ ވެގެން ތިން މަސްދުވަހު ކަމަށާއި އެގޮތައް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިމްޕޯޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި ހުންނަން ވާނީ ފިނިހޫނުމިން ހިފެހެއްޓިފައި ކަމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައިވެ އެވެ.
ހަމަ އެހެންމެ ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު އިތުރުކުރުމަށްޓަކައި ޓްރީމަންޓެއް ދީގެން އިމްޕޯޓްކުރާނަމަ މުއްދަތު އިތުރު ކުރުމަށް ކޮށްފައިވާ ކަމެއް ބަޔާންކުރާ، އުފެއްދި ގައުމެއްގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ގޮތައް ވަނީ ހަމަ ޖައްސާފަ އެވެ.
މީގެ އިތުރުން ބޭރު ތޮށި ނުސާފުކޮށް، ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކަމެކެވެ.
ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވަނީ ރާއްޖެއަށް އިންޕޯޓުކުރާ ބިހާ ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ހެލްތު ސެޓްފިކްޓް ހުށަހެޅުމުން ދޫކުރާ ގޮތައް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ޤައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ވެސް ހުށަހަޅަންވާނެއެވެ.