ފުލުހުން މިހާރު ސިޔާސީވެފައި އޮތް މިންވަރާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފު އޮތް ގޮތާއި ވަކި ސިޔާސީ ފިކުރެއްގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ތަހްގީގުކޮށް ދައުވާ ކުރަމުން ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައި ތިބި މީހުންގެ މައުލޫމާތު ފުލުހުންގެ އަތުގައި އެބަ ހުރި ކަމަށެވެ.
"މިއަދު ހަގީގަތަކީ ފުލުހުންގެ އަތުގައި އެބަހުރި ފަނޑިޔާރުންނާ ބެހޭ މައުލޫމާތު. ގާނޫނު އަސާސީއާ އުސޫލުތަކާ ހިލާފު ކޮރަޕްޓް ޕްރެކްޓިސަސް ހިންގާފައި ތިބި މީހުންނާ ބެހޭ މައުލޫމާތު އެމީހުންގެ އަތުގައި އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ ކާރުކޮޅުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ތިބުން ހުއްޓާލީ ކޮން ފުލުހެއްގެ އަމުރަކަށްތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އެކަމަކީ ވަކި ފަރާތަކުން ބޭނުންވާ ނަތީޖާ ނެރުމަށް ފަނޑިޔާރުންނަށް ބިރު ދައްކަވަން ކުރި ކަމެއްތޯ އާއި ބިރު ދައްކަވަން ކުރެއްވީ ކޮންކަންތައްތަކެއްތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ ރިޔާސީ އިންތިހާބާ ގުޅޭ އެއްބަސްވުންތައް ހާމަކުރުމުން މިނިވަން މުއައްސަސާތައްވެސް ބަދަލުވާން ފަށާނެ ކަމަށެވެ. އަދި މިހާރު ވެސް ސިޔާސީ ބޭފުޅުންގެ މައްސަލަތައް މީގެ ކުރިން ކޯޓުތަކުގައި ހިނގަމުންދިޔަ ބާރު މިނުގައި މިހާރު ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ޕާޓީއަކުންވެސް ބޭނުންވާ ކެނޑިޑޭޓަކަށް ވާދަކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާ އެއްގޮތައް މަސައްކަތްކުރަމުން އަންނައިރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބު ނުބާއްވާ ހުރުމަކީ އެއްވެސް ވެރިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް ޔާމިނަށް ވެސް އިންތިހާބަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ރިޝްވަތާއި ކޮރަޕްޝަނުގެ ތުހްމަތުތައް މިހާރު އެންޓިކޮރަޕްޝަން ކޮމިޝަނުގައި ނުބަލައި ހުރި ނަމަވެސް މިހާރުގެ އިދިކޮޅު ފަރާތްތަކުން ގާއިމުކިުރާ ވެރިކަމެއްގައި އެ މައްސަލަތައް ބަލާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ނެތް ކަމަށް ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ މިހާރު އެމަނިކުފާނަށް ތާއިދު ކުރައްވައިގެން ތިއްބެވި ބައެއް ބޭފުޅުންވެސް އިންތިހާބު އަންނައިރު ކައިރީގައި ނުތިއްބަވާނެ ކަމަށެވެ. އަދި މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސް ޔާމިން ދެއްވާ ރިޔާސީ ބަޔާން އަޑުއައްސަވަން މަޖިލީހަށް ވަޑައިގަންވާނީ ވެސް އެމަނިކުފާނަށް ތާއީދުކޮށްގެން މިހާތަނަށް ތިއްބެވި ބައެއް މެމްބަރުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.