ރައްޔިތުންގެ މަޖިލީހު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުން ސުޕްރީމް ކޯޓުގެ ބަހެއް ހޯދައި، އެކަން ސާފުކުރެއްވުމަށް ކުރައްވާ މަސައްކަތަކީ އެ މެމްބަރުންނަށް ލިބިފައިވާ ހައްގެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު އަންގަރާ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް އެ މެމްބަރުން ކުރާ މަސައްކަތުގައި އެ ކޯޓަށް އެއްޗެއް ވިދާޅުނުވެ މި ހާލަތުގައި ނޯވެވޭނެ ކަމަށެވެ.
އެމަނިކުފާނު މިފަދަ އިން ޓްވީޓް ކުރައްވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެންފައި ވަނިކޮށެވެ.
Our MPs have every right to demand a clear and unambiguous word from Maldives Supreme Court on the status of their membership. Supreme Court cannot keep silent any more on this landmark issue.
— Maumoon Abdul Gayoom (@maumoonagayoom) January 16, 2018
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައެއް މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލު ކުރެއްވުމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅުއްވައިފައެވެ.
މެމްބަރުން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގެ ބޭނުމަކީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހުރަސް އަޅަމުންދާތީ މަޖިލީހުގައި އެ މެމްބަރުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ލިބިދިނުމަށްޓަކައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އަދި ސުޕްރީމް ކޯޓުގެ އެހެނިހެން ފަނޑިޔާރުންގެ ކިބައިން އެދުމެވެ. އަދި އެ މެމްބަރުން ވިދާޅުވެފައި ވަނީ އެ މައްސަލައަށް ހައްލެއް އަންނަންދެން މަސައްކަތް ކުރަމުންދާނެ ކަމަށާއި އެކަން "ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާ ނުލައްވާނެ" ކަމަށެވެ.
މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ ދަފްތަރުން ވެސް އެ މެމްބަރުންގެ ނަންތައް ވަނީ އުނިކޮށްފައެވެ.