ގަވާއިދުން ބިލްތަކަށް ފައިސާ ދައްކަމުން ދަނިކޮށް ގ. ހުޅިޔަންދޫ ގެއިން ފެން ކަނޑާލައި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފެން މީޓަރުގައި ތަޅު އަޅުވައިފިއެވެ.
އެ ގޭގައި ދިރިއުޅޭ އާއިލާއަކުން ރާއްޖެއެމްވީއަށް މައުލޫމަތު ދެމުން ބުނީ، އެ ގެއިން ފެން ކަނޑާލާފައި ހުންނަތާ 12 ގަޑިއިރަށް ވުރެ ގިނަ އިރުވެފައި ވާކަމަށެވެ. ނަމަވެސް އެ އާއިލާއިން ފެން ބިލްތައް ބަރާބަރަށް ދައްކަމުންދާ ކަމަށް އާއިލާއިން ބުންޏެވެ. އެ އާއިލާއިން ރާއްޖެއެމްވީއަށް ވަނީ ބިލްތައް ވެސް ހިއްސާކޮށްފައެވެ.
އެމްޑަބިޔުއެސްސީ އިން އެ ގޭގެ ފެން މީޓަރުގައި ތަޅު އަޅުވާފައިވާއިރު، އެ އިމާރާތުގައި ދިރިއުޅޭ އާއިލާތަކަށް އަންގާރަ ދުވަހު ފެން ލިބިފައެއް ނުވެއެވެ. އަދި އެ ގެޔަކީ ލޮނު ފެން ވެސް (ވަޅު ފެން ވެސް) ލިބެން ނުހުންނަ ގެޔަކަށްވާއިރު ފެން ނެތުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ގޭގައި ކުޑަކުދިން އުޅޭއިރު، ނުކުޅެދޭ ކުދިން ވެސް އެ ގޭގައި އުޅެއެވެ. ފެން ކަނޑާލާފައި ހުންނަތާ 12 ގަޑިއިރުވެފައިވާއިރު، ޒަރޫރީ ބޭނުންތައް ފުއްދަނީ ފެންފުޅި ގަނެގެން ކަމަށް އެ އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެން ފާހަނައަށް ވެސް މި ބޭނުން ކުރަނީ މިނަރަލް ވޯޓަރ، މި ގޭގެ މި ތަނުގައި އެއްކޮޅުން އަނެއްކޮޅަށް މިއަދު ހުންނާނީ ހުސް ފެން ފުޅިތައް،" އުދަނގޫތައް ހިއްސާކުރަމުން އެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މި މައްސަލައިގައި ގޭގައި ދިރިއުޅޭ އާއިލާ އިން ވަނީ ފުލުހުންގެ އިދާރާއަށް ވެސް ގޮސްފައެވެ. އަދި ފުލުހުން މެދުވެރިކޮށް ފެން ގުޅުމަށް މަސައްކަތްކުރުމުން ވެސް އެކަން ކުރުމަށް އެމްޑަބްލިޔުއެސްސީ އިން ދެކޮޅު ހަދާ ކަމަށް އާއިލާ އިން ބުންޏެވެ.
"އެމްޑަބްލިޔުއެސްސީ އިން ބުނަނީ ގޭގެ ވެރިފަރާތުން އަންގައިގެން ކަމަށް. އަޅުގަނޑުމެން އެއްބަސްވުން ހަދާފައި ވަނީ ގޭގެ ކޮންޓްރަކްޓަރާ އެކީގައި. އަޅުގަނޑުމެންގެ ވާހަކައަކީ އެ ދެ ފަރާތުގައި މައްސަލައެއް އުޅޭކަމުގައިވާ ނަމަ ކޯޓަށް ގޮސް ހައްލުކުރާށޭ. އަޅުގަނޑުމެން އަސާސީ ހިދުމަތުން މަހުރޫމް ނުކުރާށޭ،" ފެނުން މަހުރޫމްވެ، އުދަނގޫތައް ތަހަމަލްކުރަންޖެހިފައިވާ އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ފަރަތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ގޭގެ ވެރިފަރާތުގެ އެންގުމަކަށް ފެންކަނޑާލާފައިވާ ގޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް ދިރިއުޅެމުން ދާތީ ވަރަށް ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.