ހޮނިހިރު ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ވިލާތުގެ އިއްތިހާދުގެ ވަފުދާއި ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ބައްދަލުކޮށްފިއެވެ.
އިޔޫން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޕީޕީއެމްގެ ބައެއް އިސްބޭފުޅުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އާއި އެ ޕާޓީގެ ނާއިބު ލީޑަރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވަޑައިގެނެނެވިއެވެ.
ތިން މެންބަރުން ހިމެނޭ، އީޔޫގެ ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީއެވެ. އެކަމަނާގެ އިތުރުން ދެން މި ވަފުދުގައި ހިމެނެނީ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އީޔޫގެ ސަފީރު ޓޫންގް-ލައި މާރގް އާއި ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސަސްގެ ދެކުނު އޭޝިއާ ޑިވިޝަންގެ ވެރިޔާ ކެރޮލިން ވިނޯޓްއެވެ.
ވިލާތުގެ އިއްތިހާދުގެ ވަފުދެއް ހޮނިހިރު ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރިއިރު، އެ އިއްތިހާދުގެ އިންތިޚާބު އޮބްޒަރވްކުރާ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލާފައި ވަނީ ހުކުރު ދުވަހުއެވެ. ދައުލަތުގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރުމަށް އެ ވަފުދަށް އެޕޮއިންޓްމަންޓް ދީފައި ނުވާއިރު، ހުކުރު ދުވަހު އެ ވަފްދު ފުރާފައި ވަނީ ހަފްތާއެއްހާ ދުވަހު ރާއްޖޭގައި ތިބުމަށް ފަހުއެވެ.