ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު، ކުޅެ ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެއަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ހޯމަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ކުއްލި ގޮތަކަށް މަރުވީ ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ އައްބާސް މުހައްމަދެވެ. އޭނާގެ ހާލު ސީރިއަސްވީ ނޮޅިވަރަންފަރުގައި ރަހުމަތްތެރިންނާ އެކު ފުޓްބޯޅަ ކުޅެ ނިންމާލުމަށް ފަހު، ގެއަށް ދިޔަތަނުން މެޔަށް ދަތެއް އަރައިގެންނެވެ. ފަރުވާދިނުމަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދަނިކޮށް އައްބާސް މަރުވީ ހޯމަ ދުވަހުގެ ރޭ 10:00 ހާއިރުއެވެ.
އައްބާސްއަކީ ރިސޯޓް ވަޒީފާ އަދާކުރާ މީހަކެވެ. އޭނާ ނޮޅިވަރަންފަރަށް ދިޔައީ ރިސޯޓް ވަޒީފާ އަދާކުރުމަށް ފަހު އޮފް ޑޭގައެވެ. އައްބާސް މަރުވިއިރު އޭނާގެ ކުޑަ ދެ ކުދިން ހުރެއެވެ.