ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު އަބަދުވެސް ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މޯލްޑިވްސް އިންޑެޕެންޑެންޓް ނޫހުގައިވާ ޚަބަރަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އެނޫހުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން ރައީސް ނަޝީދާއި ރައީސް މައުމޫނާ ދެމެދު ވާހަކަ ނުދެކެވޭ ކަމަށާއި މަޝްވަރާއެއް ވެސް ނުކުރެވޭ ކަމަށެވެ. އެކަމަށް ރައްދު ދެއްވާ އެނޫސް ޓެގްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓވްީޓުގައި ވިދާޅުވެފައި ވަނީ އެނޫހުގައި އެވަނީ ކުށް ގޮތެއް ކަމަށެވެ. އަދި ރައީސް މައުމޫނާ އަބަދުވެސް ކަންކަމުގައި ބަރާބަރަށް ވާހަކަ ދެކެވޭ ކަމަށާއި އެމަނިކުފާނުގެ ޚިޔާލާއި މަޝްވަރާތައް ވެސް ދެއްވާ ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Despite an @IndependentMV report to the contrary, I enjoy frequent communication with President @maumoonagayoom. Moreover, I appreciate his views and advice.
— Mohamed Nasheed (@MohamedNasheed) January 16, 2018
ރައީސް ނަޝީދުގެ އެ ޓްވީޓް ރައީސް މައުމޫން ވަނީ ރީޓްވީޓު ކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވައި ރައީސް މައުމޫން ވަނީ ޓްވީޓެއް ކުރައްވާފައެވެ.
Thank you sir @MohamedNasheed
— Maumoon Abdul Gayoom (@maumoonagayoom) January 16, 2018
މިވާހަކަ މިގޮތަށް ދެކެވޭއިރު ގުޅިފައިވާ ޕާޓީތަކުގެ ވެރިންގެ ބައްދަލުވުމެއް ދާދިއަވަހަށް ބޭއްވޭނެ ކަމަށާއި އެބައްދަލުވުމުގައި ރައީސް މައުމޫނާއި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.