މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓް އޮޅުވާލަފާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އެހެންވެ، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ފްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ރައްޔިތުން ނިކުމެ ވޯޓްލާނީ ވޯޓު ފޮއްޓަށް ކަމަށާއި ރަށްޔިތުން އަޅާ ވޯޓް ގުނާނީ ވެސް ރައްޔިތުންގެ ކުރިމަތީގައި ކަމަށެވެ. އެނޫން ގޮތަކަށް ރިޔާސީ އިންތިހާބުގެ ކަންކަން އެނބުރިގެން ދިޔަކަ ނުދެއްވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު އެގޮތަށް ވިދާޅުވިއިރު، ސަރުކާރުން ދަނީ އިލެކްޓްރޯނިކް ވޯޓް ލުމަށް، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަށް މަސައްކަތް ކުރަމުންނެވެ.
ނިޔާޒު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ރާވާފައިވާ މަކަރުވެރި ރޭވުންތައް ހެއްކާ އެކު ލިބިފައި އެބަހުރި ކަމަށާއި އަދި އިންތިހާބު އޮންނަ ދުވަހު ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަދާފާނެ މަކަރުވެރި ރޭވުންތައް ވެސް އެނގޭ ކަމަށެވެ. އެހެންކަމުން މީގެ ކުރިން ބާއްވާފައިވާ އިންތިހާބުތަކުގެ ތަޖުރިބާގެ އަލީގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންނާއި ސަރުކާރުން ހިންގާ ވޯޓު އޮޅުވާލުމުގެ ކަންކަން ބަލާ މޮނީޓަރ ކުރާނެ ފަރާތްތަކެއް ޓްރެއިން ކުރާނެ ކަމަށާއި ކޮންމެ ވޯޓް ފޮއްޓެއް ވަރަށް ރަނގަޅަށް މޮނީޓަރ ކުރެވިގެންދާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުނުގެ ތެރެއިން ކޮށްފައިވާ މަސައްކަތްތައް އެބަހުރި ކަމަށާއި އަދި ނުބައި މީހުންގެ ނަމުގައި އައިޑީކާޑު ހަދައިގެން އެމަސައްކަތް ކުރިކަމުގެ ހެކިވެސް އެބަހުރި ކަމަށް ނިޔާޒު ވިދާޅުވިއެވެ.