"މިހާރު" ނޫހުގެ ފަސް ނޫސްވެރިއެއްގެ މައްޗަށް 35 މިލިއަން ރުފިޔާ ހޯދުމަށް ޝެއިހް ނަސްރުﷲ މުސްތަފާ ހުށަހަޅުއްވައިފި އެވެ.
އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ، "މިހާރު" ނޫހުގެ ފަސް ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލާފައިވަނީ، ހުއްދަ ނެތި ހަތަރު ދިވެއްސަކު ހައްޖަށް ފޮނުވައިގެން އެ މީހުން މައްކާގައި ހާލުގައި ޖެހުނު މައްސަލަ ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލުއުޝަން ސެކްޝަންގައި އަންގާރަ ދުވަހު ނަސްރުﷲ ހުށަހެޅި އަބުރުގެ ދައުވާއާ ގުޅިގެން ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، ދެ ފަރާތުން އެއްބަސްވުމަށް އާދެވިފައެއް ނުވެއެވެ. އެހެންކަމުން އިތުރު އަޑުއެހުމެއް ކުރިއަށް އޮތް ހަފްތާގައި ބޭއްވުމަށް ފަހު ދެފަރާތުން އެއްބަސް ވުމަކަށް ނާދެވިއްޖެނަމަ މައްސަލަތައް ޝަރީއަތަށް ފޮނުވާނެ އެވެ. އަންގާރަ ދުވަހުގެ އަޑުއެހުމުގައި ލިޔެކިޔުންތައް ވަނީ ދައުވާ ލިބޭ ފަރާތްތަކާ ހަވާލު ކޮށްފަ އެވެ.
ނަސްރުﷲގެ އަބުރު ގެއްލުނު ކަމަށް ބުނެ، "މިހާރު" ނޫހުގެ ނޫސްވެރިން ކަމަށްވާ ފަޒީނާ އަހުމަދާއި އަހުމަދު އަބްދުﷲ ސައީދާއި މުއިއްޒު އިބްރާހީމާއި މުހައްމަދު ޔާމީންގެ އިތުރުން އާސިމާ ނިޒާރުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ ފަސް ނޫސްވެރިން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމާއި ގުޅިގެން ނަސްރުﷲ ވަނީ އެ ލިޔުމުގައި ހަގީގަތާ ހިލާފު ވާހަކަތައް ހިމަނާފައިވުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ފަސް ނޫސްވެރިންގެ އަތުންވެސް (ކޮންމެ ނޫސްވެރިޔަކު) ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ޖުމްލަ 35 މިލިޔަން ރުފިޔާ ހޯދުމަށް ނަސްރުﷲގެ އެ ދައުވާތަކުގައި އެދިފައި ވެއެވެ.
"މިހާރު" ނޫހުގެ އެ ފަސް ނޫސްވެރިންގެ ތެރެއިން އެ ނޫހުގައި ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރ ކުރަމުންދާ ނޫސްވެރިޔާ މުއިއްޒުގެ މައްޗަށް ނަސްރުﷲ އުފުލި ދައުވާ އޭނާ ވަނީ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އަނބުރާ ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން މުއިއްޒު ބުނީ އެ ދައުވާއާ ގުޅިގެން ނަސްރުﷲއާ އެއްވެސް ވަރަކަށް މަޝްވަރާކޮށް ވާހަކަ ދެކެވިފައި ނުވާނެ ކަމަށާއި އޭނާ ގެ މައްޗަށް ނަސްރުﷲ އުފުލި ދައުވާ އަނބުރާ ގެންދިޔަ ސަބަބެއް ނޭނގޭ ކަމަށް މުއިއްޒު ބުންޏެވެ.
އެހެންކަމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގައި މިހާރު ހިނގަމުން ދަނީ "މިހާރު" ނޫހުގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް 28 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅި ހަތަރު ދައުވާ އެވެ. އަދި މީގެއިތުރުން ވީމީޑިއާގެ މައްޗަށް އުފުލާފައިވާ ދައުވާ އެވެ.
މިމައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ "މިހާރު" ނޫހުގެ އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ އެލިޔުންތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ނުހުންނާނެ ކަމަށާއި ހަވާލާ ދެއްވާފައި ވާނީ ވެސް މިދިއަ އަހަރުގެ ހައްޖު މޫސުމުގައި ހައްޖު މިޝަންގެ އެންމެ އިސްވެރިއަކަށް ހުންނެވި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުގެ ނައިބު ޝެއިހް އިބްރާހީމް އަހުމަދުއާ ކަމަށް ވެސް އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
"ރިޕޯޓުގައި އެހުރީ އަޅުގަނޑުމެންގެ އަމިއްލަ ވާހަކަތަކެއް ނޫން. އެއީ މިދިއަ ހައްޖު މޫސުމުގައި، ހައްޖު މިޝަންގެ އިސްވެރިޔާ އިބްރާހީމް އަހުމަދުއާ ހަވާލާދީ އަޅުގަނޑުމެން ލިޔުނީ. މިހާތަނަށް ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި ނަސްރުﷲގެ ފަރާތުންގެ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެއް ނެތް. އެހެންވީމާ އެއީ އަބުރާ ބެހުން ކަމަށް ގަބޫލެއް ނުކުރަން،" ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
"މިހާރު" ނޫހުގެ ނޫސްވެރިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި އިބްރާހީމް ރިފްއަތު ވިދާޅުވީ އަބުރުގެ މި ދައުވާތައް އުފުލާފައި ވަނީ 2007 ގައި އަމަލު ކުރަމުންއައި އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
"އެގަވާއިދުގައި ބުނާ ގޮތުން ވެއްޖިއްޔާ ގެއްލުމުގެ ބަދަލުގެ ގޮތުންގައި މިއޮންނަނީ 100ރ އާއި 5000ރ ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ނަގައިދޭން. މިދައުވާތަކުގައި އެބައޮތް ކޮންމެ މީހެއްގެ އަތުން ހަތް މިލިއަން ރުފިޔާ ހޯދުމަށްއެދި ހުށަހަޅާފައި. މިމައްސަލައާ ގުޅިގެން މީޑިއާ ކައުންސިލަށްވެސް ނަސްރުﷲގެ ފަރާތުން މިމައްސަލަތައް ހުށަހަޅަފައިވޭ. އެހެންވީމާ މިނިވަން މުއައްސަސާއަކުން ތަހުގީގު ހިންގާ ގޮތެއް ނިންމަންޖެހޭ ކަމެއް ނުނިމެނީސް ޝަރީއަތުގައި އެމައްސަލައެއް ބެލުމަކީ އެއީކީ ހަމަޖެހޭ އުސޫލެއްކަމަކަށް ގަބޫލެއް ނުކުރެވޭ،" މަޝްހޫރު ގާނޫނީ ވަކީލު ރިފްއަތު ވިދާޅުވި އެވެ.
އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންގޮސް، އެމީހުން ހާލުގައި ޖެހުނު ވާހަކަ ލިޔުނު ނޫސްވެރިންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ޝެއިހު ނަސްރުﷲ ކޯޓަށް ހުށަހެޅިއިރު، އެމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.
މީގެ އިތުރުން އަނބިމީހާއަށް އަޅާނުލުމާއި، ދަރިންނަށް އަޅާނުލުމުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ދައުވާ ވެސް ނަސްރުﷲގެ މައްޗަށް ދަނީ ކުރެވެމުންނެވެ. މިމައްސަލަތައް ފެންމަތިވެ، ނަސްރުﷲ އޭރު ޕްރިންސިޕަލްކަން އަދާކުރަމުން ގެންދިޔަ ޢަރަބިއްޔާ ސްކޫލުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ.