އަމީނިއްޔާ ސްކޫލުގެ އަށް ބުރީގެ އިމާރާތުގައި އަރައި ފޭބުމަށް އެ އިމާރާތުގައި ބަހައްޓާފައިވާ ލިފްޓުތައް ދަރިވަރުން ބޭނުން ކުރުން މަނާކޮށްފިއެވެ.
ދެހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ އަމީނިއްޔާ ސްކޫލުގެ އަށް ބުރީގެ އާ އިމާރާތް ބޭނުންކުރަން ފެށީ ދިރާސީ އާ އަހަރާއެކު މިދިޔަ އާދީއްތަ ދުވަހުއެވެ. އެ އިމާރާތުގައި ބަހައްޓާފައިވާ ދެ ލިފްޓު ބޭނުން ކުރެވެނީ ހަމައެކަނި ޓީޗަރުންނަށެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދެމުންދާ އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގެ ލިފްޓް ހަމައެކަނި ޓީޗަރުންނަށް ހާއްސަ ކުރި މައްސަލައިގައި "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަމުން އެ ސްކޫލުގެ ޕްރިންސިޕަލް ނާޒުލީން ވާފިރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޕްރައިމަރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެމުން ދަނީ އިމާރާތުގެ ތިރީގައި ކަމަށެވެ.
ފޮތް ދަބަހާއެކު އިމާރާތުން އަރައި ފޭބުމަށް މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ތަކުލީފަކަށް ވާނެތޯ ސުވާލު ކުރުމުން ނާޒުލީން ވިދާޅުވީ "އެއީ ބޮޑެތި ކުދިން" ކަމަަށާއި އެ ސްކޫލުގެ ހަތަރު ބުރީގެ ބާ އިމާރާތުން ވެސް އެ ކުދިން އަރައި ފޭބީ ސިޑިން ކަމަށެވެ. އެއްފަހަރާ ގިނަ ދަރިވަރުންނަށް ފިލްޓު ބޭނުން ނުކުރެވޭނެ ކަމަށް ވެސް ނާޒުލީން ވިދާޅުވި އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ ފޮތް ދަބަހާއެކު، އަށް ބުރީގެ އިމާރާތުން އަރައި ފޭބުމަކީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. ފުރާވަރު އުމުރުގައި އެހާ ގިނަ ފޮތްތަކާއެކު ބަރުކޮށް ކޮންމެ ދުވަހަކު އަށް ބުރީގެ އިމާރާތެއްގެ ސިޑިން އަރައިފޭބުމަކީ އެ ކުދިންގެ ހެދިބޮޑުވުމަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.