ސަލްމާން ޚާނަކީ އޭނާ ވަރަށް އިހުތިރާމްކުރާ މީހެއް ކަމަށް އޭނާގެ ލޯބިވެރިއެއްކަމަށް ބުނާ ލޫލިއާ ވަންތޫރު ބުނެފިއެވެ.
ލޫލިއާ އާއި ސަލްމާން ޚާން ކައިވެނިކުރަން އުޅޭ އަޑުތައްވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެ ދެ މީހުން އެކީގައި އެކި ހަފްލާތަކުން ވެސް ދަނީ ފެންނަމުންނެވެ. ސަލްމާންގެ ޚާންދާނުގެ ބައެއް ޙަފްލާތަކާއި، ރަޙުމަތްތެރިންގެ ކައިވެނި ހަފްލާތަކަށް ވެސް ލޫލިއާ އާއި ސަލްމާން އެކީގައި ދާ މަންޒަރު ނޫސްވެރިންގެ ކެމެރާތަކަށް ވެސް ވަނީ އަރާފައެވެ. އެހެން ނަމަވެސް ލޫލިއާ ބުނީ އޭނާއަށް މީހުން ކިޔާއެއްޗެއް ނުހިފެހެއްޓޭނެ ކަމަށާއި އޭނާ ސަލްމާނަށް ވަރަށް އިހުތިރާމް ކުރާކަމަށެވެ.
ރޯމަނަށް އުފަން ލޫލިއާ އަކީ ރޯމަން ލަވަކިޔުންތެރިއެއްގެ އިތުރުން ހިންދީ ލަވަކިޔުންތެރިއެއްވެސް މެއެވެ. ލޫލިއާ ބުނާ ގޮތުން އޭނާއަށް ހިންދީ ލަވަކިޔުމަށް އެންމެ އެހީތެރިކަމެއް ލިބުނީ ސަލްމާންޚާންގެ ފަރާތުންނެވެ. ލޫލިއާ ބުނީ އޭނާއަކީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށާއި އޭނާއަށް ހިންދީ ލަވަކިޔުމަށް ހިތްވަރު ދިނީ ސަލްމާން ޚާން ކަމަށެވެ.
ސަލްމާނާއި ކައިވެނި ކުރަން އުޅޭ ވާހަކައަށްވެސް ލޫލިއާ ވަނީ ރައްދު ދީފައެވެ. ލޫލިއާ ބުނީ އޭނާ އެކަހަލަ އަޑުތަކަށް އެހާ ސަމާލުކަމެއް ނުދޭކަމަށެވެ.
ލޫލިއާ ބުނީ އިންޑިއާގައި މީހުންނަށް ހަމަ އެކަނި އެނގެނީ އޭނާގެ ނަން އެކަނިކަމަށެވެ. އެހެން ނަމަވެސް ރޯމަނުގައި އޭނާއަކީ ވަރަށް ގަދަރުވެރި އަންހެނެއްކަމަށް ވަނީ ބުނެފައެވެ. ޚަބަރު ކިޔުންތެރިންނަކީ އެގައުމުގައި ޚާއްސަ ގަދަރެއް ލިބިގެންވާ ބައެއްކަމަށާއި އޭނާ އުޅެމުންދިޔައީ ވަރަށް "ފޭމަސް" ދިރިއުޅުމެއްގައި ކަމަށެވެ. އެގެން ނަމަވެސް އޭނާއަށް އިންޑިއާއަށް އައިސް އޭނާގެ ހިތްއެދޭތަނަކަށް ގެންދިއުން އެއީ އޭނާ ދުވަހަކުވެސް އުއްމީދު ކުރިކަމެއް ނޫން ކަމަށް ލޫލިއާ ބުންޏެވެ.