ކޯޓުތަކުގައި ވަކާލާތުކުރުމުން ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން، އަބްދުﷲ ހަސީންގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައިވާ ގޮތުގައި، އަބްދުﷲ ހަސީންގެ މައްސަލަ ބެލުމަށްފަހު، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާ ކުރެވިފައިއޮތް އޮތުން އަންގާރަ ދުވަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން، 56 ގާނޫނީ ވަކީލެއް ސަސްޕެންޑު ކުރި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވަކީލުންތައް ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.
އެގޮތުން، ސެޕްޓެމްބަރު 18 ވަނަ ދުވަހު 13 ވަކީލެއްގެ ސަސްޕެންޝަން އުވާލިއިރު، ސެޕްޓެމްބަރު 30 ވަނަ ދުވަހު އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލި އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ ތެރޭގައި 8 ވަކީލެއްގެ ސަސްޕެންޝަން އުވާލިއިރު، ނޮވެމްބަރު މަހުގެ ތެރޭގައި ފަސް ވަކީލެއްގެ ސަސްޕެންޝަން އުވާލި އެވެ.
އެހެންކަމުން، އެކި ފަހަރުގެ މަތިން ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 43 ވަކީލެއްގެ ސަސްޕެންޝަން ވަނީ މިހާރު އުވާލާފަ އެވެ.
މިހާރު ސަސްޕެންޝަނުގައި ތިއްބެވީ 13 ވަކީލެކެވެ.
ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރުންތަކެއް ހިމެނޭ ގޮތަށް 35 ވަކީލުންނެއް ނިކުމެވަޑައިގެން، ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައިވެއެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާތީ އެވެ.
ވަކީލުންގެ ސަސްޕެންޝަން އުވާލަން ފެށީ، ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތަކުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔަން ފެށުމުންނެވެ. އެގޮތުން ލޯ އޭޝިއާއާއި، އެމްނެސްޓީ އިންޓަނޭޝަނަލްއާއި، އިންޑިއާ ސުޕްރީމް ކޯޓް ބަރ އެސޯސިއޭޝަންގެ އިތުރުން އިންޓަނެޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސް (އައިސީޖޭ) އިން ވަނީ ވަކީލުން ސަސްޕެންޑް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.