ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ށ. މަރޮށި ސްކޫލުގައި ޕްރިންސިޕަލެއް ނެތި ހިންގަމުން ދާތީ، އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ދިރާސީ އާ އަހަރު ފެށިއިރު ވެސް އެ ރަށު ސްކޫލު ހިންގަމުންދަނީ ލީޑިން ޗީޓަރެކެވެ.
މަރޮށި ކައުންސިލްގެ ނައިބު ރައީސް މަސްއޫދު ވަހީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިއަދު ހެނދުނު އެ ރަށު ސްކޫލުން ހުޅުވިއިރު، ސްކޫލުގެ މައި ގޭޓުގައި ބެލެނެވެރިންގެ ޝުއޫރުތައް ލިޔެފައިވާ ގަނޑުތަކެއް ހިއްޕާފައިވާ ކަމަށެވެ. ޕްރިންސިޕަލްގެ ނެތުމުން، ބެލެނެވެރިން ކުރަމުންދާ ޝަކުވާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމަށް އަޑުނީވޭ ކަމަށް އެ ގަނޑުތަކުގައި ލިޔެފައިވާ ކަމަށާއި ޕްރިންސިޕަލެއް ނެތި ސްކޫލު ނުހިންގޭނެ ކަމަށް ވެސް ލިޔުންތަކުގައި ބުނެފައިވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ މައި ގޭޓުގައި އަޅުވާފައިވާ ތަޅަށް އެލްޓިކޯވެސް ބަޔަކު އަޅާފައިވާ ކަމަށެވެ. އެކަންކޮށްފައި ވަނީ ރޭ ފަތިހު ކަމަށް މަސްއޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން، ކައުންސިލުން އިސް ނަގައިގެން މިދިޔަ އަހަރު ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ކަންބޮޑުވުން ހިއްސާކުރި ކަމަށާއި ނަމަވެސް އެ މިނިސްޓީން އެކަމުގައި ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ނުވަސަތޭކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަރޮށީގައި ދިރިއުޅެނީ 486 މީހުންނެވެ. އެ ރަށު ސްކޫލުގައި ގްރޭޑް އެކަކުން ދިހައަކަށް 80 ވަރަކަށް ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ.