ބޮލީވުޑްގެ ތަރި ޝާހުރުކް ޚާނާއި އެކީ ފިލްމެއް ނަހަދައި އެއްވެސް ތަނަކަށް ނުދާނެ ކަމަށް މަޝްހޫޜު ޑައިރެކްޓަރ އަނޫރާގް ކެޝަޕް ބުނެފިއެވެ.
އަނޫރާގް ބުނީ ޝާހުރުކް ޚާން އާއި އެކީ ފިލްމެއް ހެދުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަނޫރާގް ބުނީ ޝާހުރުކް ޚާނަކީ ޔުނިވާސިޓީގެ ދުވަސްވަރު އޭނާއަށް އެންމެ އެހީތެރިވި މީހާ ކަމަށާއި ޝާހު އަކީ ބޭބެއެއް ކަހަލަ މީހެއްކަމަށެވެ.
އަނޫރާގް ބުނީ ޝާހުރުކް ޚާނަށް ޚާއްސަ ފިލްމެއް އޭނާ ހަދާނެ ކަމަށާއި އެ ފިލްމުގެ ސްކްރިޕްޓް ވެސް ލިޔާނީ ޝާހުރުކް ޚާނަށް ޚާއްސަކޮށްގެންކަމަށެވެ.
އަނޫރާގް މިހެން ބުނެފައި ވީކަމުގައި ވިއަސް އޭނާ ވަނީ މީގެ ކުރިންވެސް އޭނާގެ ފިލްމުތައް ކުޅުމަށް ޝާހުރުކް ޚާނަށް ދައުވަތު ދީފައެވެ. އެހެން ނަމަވެސް ޝާހުރުކް ޚާން އެ ފިލްމުތައް ކުޅުމަށް ބުނީ ނޫނެކޭއެވެ. އެއީ ފިލްމު ނޯ ސްމޯކިން އާއި އެލްވިން ކާލިޗަރަން އެވެ. އޭގެތެރެއިން ނޯ ސްމޯކިން ވީ ފްލޮޕްވި ފިލްމަކަށެވެ. އަނޫރާގް ޝާހުރުކް ޚާނާއެކީ ފިލްމެއް ކުޅުމަށް ބޭނުންކަމަށް ބުންޏަސް އޭނާ އާނއެކޭ ބުނާނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ބޮލީވުޑްގެ ފިލްމު މުއްކަބާޒްއެވެ. އެ ފިލްމަކީ ކްރިޓިކުންގެ ވަރަށްބޮޑު ސަޕޯޓެއް ލިބުނު ފިލްމެކެވެ.