މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މާމަގެ ޖަނާޒާގައި ބައިވެރިވުމަށް އެދުމުން، ޖަނާޒާ ނިމި ވަޅުވެސް ލީ ފަހުން ހުއްދަ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެ މީހާގެ މާމަ މަރުވެފައިވަނީ ހޯމަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. އަދި ކަށުނަމާނު ކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގަ އެވެ.
ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އޭނާ އަށް ހަމަޖައްސައި ދިނުމަށް އެދި ހޯމަ ދުވަހުގެ ހެނދުނު، އޭނާގެ ގާނޫނީ ވަކީލު ކަރެކްޝަނަށް ސިޓީ ފޮނުވި އެވެ. އެ ސިޓީއާއެކު މަރު ފޯމްގެ ކޮޕީއެއް ވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން، އެ މީހާގެ އާއިލާއިން އޮތީ ދަތުރުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސައިދީފައެވެ.
ސިޓީ ފޮނުވުމުން ވެސް ކަރެކްޝަނުގެ ފަރާތުން އެ ފުރުސަތު ހަމަޖައްސައިދީފައިނުވާތީ ވަކީލު އެތައް ފަހަރެއްގެ މަތިން ކަރެކްޝަނަށް ގުޅި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެހެން ނަމަވެސް، ޖަނާޒާގައި ބައިވެރިވުމުގެ ހުއްދަ ކަރެކްޝަނުން އޭނާއަށް ދިނީ، ޖަނާޒާ ނިމި، ވަޅުވެސް ލީ ފަހުން، މެންދުރު 1:20 ހާއިރު އެވެ.
މިކަން މިހެން ދިމާވާން މެދުވެރިވި ސަބަބު ސާފުކުރުމަށް ކަރެކްޝަނުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވައެވެ.