ސްކޫލްތަކަށް ހުރި ދަތިތައް އޮޅުންފިލުވުމަށް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުން ކުށްވެރިކުރައްވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި މިހާރު މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލްތައް ތައްޔާރުކޮށް ހަދަނީ ބެލެނިވެރިންގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން، ސްކޫލް ދާއިރާގެ އެންމެންގެ މަސައްކަތުން ކަމަށެވެ.
"ހުރިހާ ކަމެއް ނިންމުމާއިއެކުގައި ދެން މިފެނުނީ ތައުލީމީ ދާއިރާގައި ބަސް ކިޔުމުގެ ޖާގަވެސް ނެތް، ދައުލަތުގެ ބަޖެޓަށް އަތް ނުލެވޭ ބޭފުޅަކާއި ސްކޫލް މަދަރުސާގެ ޕްރިންސިޕަލުން ވަޑައިގަންނަވައިގެން އާދޭސްކުރާތަން،" ރައީސްގެ އަނބިކަނބަލުން ޕްރިންސިޕަލުންނާއި ބައްދަލު ކުރެއްވުމަށް ފާޑުވިދާޅުވެ ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ އޭރު ސްކޫލްތައް ހުރީ ހުޅުވެން ތައްޔާރުވެފައި ކަމަށާއި، ރައީސްގެ އަނބިކަނބަލުން އެކުރެއްވިކަމަކީ އެކަމުން ވެސް ކްރެޑިޓް ނެންގެވުން ކަމަށެވެ.
"ދެން ހަމަ މަތިޖަހާލަންވެގެން ޚަބަރެއް ހަދާލަންވެގެން އެކުރެއްވިކަންތައް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. އޭގެ ކްރެޑިޓް ދެއްވަން ޖެހެނީ ބެލެނިވެރިންނަށް. އޭގެ ކްރެޑިޓް ދެއްވަން ޖެހޭނީ ކެނޑިނޭޅި ޗުއްޓީ ތެރޭގައި މަސައްކަތްކުރެއްވި ޕްރިންސިޕަލުންނާއި އަދި އެހެނިހެން ސްޓާފުންނަށް،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި ވިއްސަކަށް ސިޔާސީ ބޭފުޅުން ތިއްބަވައިގެން ވެސް މަސައްކަތް ނުނިންމިގެން، ގޮސް ރައީސްގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވާ ހިސާބުން އެއޮތީ ތައުލީމީ ސިޔާސަތާއި ސަރުކާރުގެ ތައުލީމީ ކަންކަން ފެއިލްވެފައި ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ހިންގާ ގޮތަށްވެސް ޖަލްސާގައި ޝިފާ ފާޑުވިދާޅުވިއެވެ. އެގޮތުން ކުޑަ ކުދިން ތައުލީމީ ނިޒާމުން ބޭރުކޮށް، ދަސްވާރު ޕްރޮގްރާމްގައި ބައިވެރިކުރުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑަށް ގެއްލުންވާކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި މުޤައްރަރު އިސްލާހުކުރި އިރު އަހައްމިއްޔަތުކަން ދީފައިވާނެކަމަށާއި އޭރުވެސް މުޤައްރަރު ހެދީ އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތެއްގެ ދަށުންކަމަށް ޝިފާ ވިދާޅުވިއެވެ. މިސަރުކާރުގެ ތައުލީމީ ސިޔާސަތަށް ފާޑުވިދާޅުވަމުން ޝިފާ ވަނީ ކިޔެވުމަށް ދަތިކުދިން ގްރޭޑް އަށަކުން ނެރެ، މަގުމަތި ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ޝިފާ ވިދާޅުވީ އެކުދިން އާއްމު ތައުލީމީ ނިޒާމުން ނެރެ، ތައުލީމީ ނިޒާމުގެ ތެރެއިން އެހެން ކުދިން ފާސްވާ ވާހަކަ ދެއްކިދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ތައުލީމީ ދާއިރާ ކުރިއެރުން ނޫންކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.