ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަތޮޅު ތެރޭގައި ހިންގާ ކަލެކްޝަން ސެންޓަރުތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އެއިދާރާއިން ހުޅުވާލައިފިއެވެ.
މީރާއިން ވަޒީފާގެ ފުރުސަތު ހުޅުވާލާފައި ވަނީ ތ. ވޭމަންޑޫ، ގއ. ވިލިނގިލި، ރ. އުނގޫފާރު، އދ. މަހިބަދޫ، ނ. މަނަދޫ އަދި އއ. ރަސްދޫ އާއި ޅ. ނައިފަރުގައި ހުންނަ މީރާގެ ކަލެކްޝަން ސެންޓަރު ތަކަށެވެ. މިއިން ކޮންމެ ރަށަކަށް ސީނިއަރ ޓެކްސް އޮފިސަރަކާއި ޓެކްސް އޮފިސަރެއް ހޯދުމަށް އިއުލާން ކޮށްފައިވެއެވެ. މީގެ އިތުރުން މީރާގެ މައި އޮފީހުގެ އޮޑިޓް ޑިޕާޓްމަންޓާއި، ޓެކްސް ޕޭޔަރ ފެސިލިޓޭޝަން އަދި ކަލެކްޝަން ޑިޕާޓްމަންޓަށް ވެސް ޓެކްސް އޮފިސަރުން ހޯދުމަށް މީރާއިން ވަނީ އިއުލާން ކޮށްފައެވެ.
މިމަޤާމުތަކުގެ ތެރެއިން ސީނިއަރ ޓެކްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ އެކައުންޓިންގ ނުވަތަ ފައިނޭންސްއާ ގުޅުން ހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުމެވެ.
އަދި ޓެކްސް އޮފިސަރުންގެ މަޤާމުގެ ޝަރުތުތަކަކީ އޭލެވެލް 1 މާއްދާއިން 'ސީ' ފާސް، އަދި އޯލެވެލް އިނގިރޭސި އަދި އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި، މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުމެވެ. އަދި މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވާން ވާނެ ކަމަށް މީރާއިން ކޮށްފައިވާ އިއުލާންތަކުގައިވެއެވެ.
މި ވަޒީފާތަކާއި ބެހޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓްގަޔާއި މީރާގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވެއެވެ.