ކުރިއަށް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްދޭން ބޭފުޅެއް އެނގޭނީ ޕީޕީއެމްއަށް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން އެފަދަ އިން ވިދާޅުވި، ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގައި ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށާއި އެކަމާ ޗެލެންޖްކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނުމާ ގުޅިގެންނެވެ. ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރުމުގެ ބަދަލުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި، ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަން ދޭނެ މީހެއް އެނގޭނީ ޕީޕީއެމްއަށް ކަމަށެވެ. އެކަން "އެމްޔޫއޯ" އަށް ނޭނގޭނެ ކަމަށާއި، ތިމާމެން އަމިއްލައަށް ނެރޭނެ ކެނޑިޑޭޓަކަށް، ޗެލެންޖްނުކޮށް ޓިކެޓް ދިނުމަށް ނިހާނު ވިދާޅުވިއެވެ.
PPM ge Riyasee Candidate kan Dheyne Meeheh ingeynee PPM Ah, MUO akah noon, Thimaa men Amilla ah Nereyne Candidate ah tkt eh omaan tinu ga engrave kohffa dheyn vee nun Challenge nukoh!
— Ahmed Nihan (@ahmed_nihan) January 15, 2018
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެ ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި، އަމީތު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނީ ދެ ގޮތަކަށް ކަމަށެވެ. ފުރަތަމަ ގޮތަކީ ޕްރައިމަރީއަކަށް ހުޅުވާލުމުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުނުކޮށްފި ނަމަ، ޕާޓީގެ ކައުންސިލުން ނިންމައިގެން ވަކި މީހަކަށް ރިޔާސީ ޓިކެޓް ދިނުން ކަމަށް އަމީތު ވިދާޅުވިއެވެ. ދެ ވަނަ ގޮތަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ޕާޓީގެ ޓިކެޓް ދެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ނިންމޭނީ ކޮންގްރެސް އިން ނިންމައިގެން ކަމަށެވެ.