ޖަލު ހުކުމްތަކެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ދޮށީ އަނބިކަނބަލުން އާމިނަތު ލިޔުޝާ ވަރިކުރައްވައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަދީބުގެ ދޮށީ އަނބިކަނބަލުން ލިޔުޝާ ވަރިކޮކުރައްވާފައި ވަނީ ހޯމަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އެނގިފައިވާގޮތުގައި ހޯމަ ދުވަހުގެ ހަވީރު ދޮށީ އަނބިކަނބަލުން ވަރިކުރެއްވީ އާއިލީ ފޯނު ކޯލެއްގެ ތެރެއިންނެވެ. އަދި ވަރިކުރެއްވީ ލިއުޝާ ޔޫއޭއީގައި ހުންނަވަނިކޮށްކަން އެނގިފައިވެއެވެ.
އަދީބުގެ ދެ އަނބިކަނބަލުން ތިއްބަވާއިރު، އަދީބުގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވަނީ ހަގު އަނބިކަނބަލުން މަރިޔަމް ނަޝްވާއެވެ. އަދީބުގެ މައްޗަށް އެކި ހުކުމްތަކުގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އަދީބް ހުންނެވީ ފުލުހުންގެ ބަންދުގައި ދުނިދޫގައެވެ. ސިއްހީ ހާލުކޮޅާ މެދު އާއިލާ އާއި ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލުކޮމާ ޖެހިފައިވާއިރު ކެންސަރުގެ ބިރު ވެސް ބޮޑު ކަމަށް އާއިލާ އިން ބުނެފައި ވެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް އަދީބު ފޮނުވުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ އަދީބަށް ބޭރަށް ފޮނުވައިފި ނަމަ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ނުލިބޭނެ ކަމަށެވެ.