އއ. ރަސްދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ކަރަންޓް ނުދިނުމުން އެރަށު އެމްޑީޕީ އެކްޓިވިސްޓުން ވެގެން އަމިއްލަ ޖަނަރޭޓަރެއް ގަނެ އެތަނަށް ކަރަންޓް ދީފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަދި އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝަފީގް ވިދާޅުވީ އެ ހަރުގެއަކީ ފެބްރުއަރީ 7، 2012 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ހަރަކާތްތައް ބޭއްވުމަށް އިންސާފްގެ މައިދާނުގެ ނަމުގައި ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި ދެވަނަ ފަހަރަށް ކަރަންޓް ލާން ޖެހުނީ މެޑަމް ފާތިމަތު އިބްރާހީމް އެރަށަށް ވަޑައިގެން އެނބުރި މާލެ ވަޑައިގެން ފަހުން ކަމަށެވެ.
ޝަފީޤް ވިދާޅުވީ ކުއްލިއަކަށް ގެނައި ބަދަލަކާ އެއްގަޮތައް އެތަނަށް އަލުން ކަރަންޓް ލާން ޖެހޭ ކަމަށް ސްޓެލްކޯއިން ބުނުމުން އެކަމަށް ފައިސާ ދައްކާ ކޭބަލް ވެސް ވަޅުލި ފަހުން ކަރަންޓް ދޫކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ގާތްގަނޑަކަށް އެކަމަށް 20 ހާހަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ފަހުން ކަރަންޓް ދިނުން މަޑުޖައްސާލާފައި ވަނީ ލޭންޑް ޔޫސް ޕްލޭނެއް ހަދާތީ ކަމަށް ބުނެ ކަމަށެވެ.
އެއީ ކައުންސިލުން ކަރަންޓް ދޭން ހުއްދަދީފައިވާ ތަނަކަށް ކަރަންޓް ނުދީ ހިފެހެއްޓި ފުރަތަމަ ފަހަރު ކަމަށާއި އެބުނާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން އެތަނަށް ކަރަންޓް ދެވޭނެ ދުވަހެއް ވެސް ސްޓެލްކޯއަށް ބުނެދެވިފައި ނުވާ ކަމަށް ޝަފީޤް ވިދާޅުވިއެވެ. މީގެ އިތުރުން އެކަމަށް ސްޓެލްކޯއަށް ދެއްކި ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީޤް ވިދާޅުވީ އެއްވެސް ވަރަކަށް އެތަނަށް ކރަންޓް ލިބޭނެ ގޮތެއް ނެތުމުން އެމްޑީޕީ އެކްޓިވިސްޓުން ހިންގި ފަންޑް ރައިޒިން ޕްރޮގްރާމުން އެތަނަށް ކަރަންޓް ދޫކުރެވޭވަރުގެ ޖަނަރޭޓަރެއް ގަނެ މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ. އަދި އެފައިސާ ހޯދާފައި ވަނީ އެންމެ ދޮޅު ގަޑިއިރު ތެރޭގައި ކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ.
ރަސްދޫ ބަނދަރު ސަރަހައްދުގައި ހުންނަ އެ މައިދާނަށް ކަރަންޓް ދޫ ނުކުރަން ނިންމި ސަބަބެއް ނޭނގޭ ކަމަށާއި ލަފާ ކުރެވެނީ މެޑަމް ވަޑައިގެންނެވުމުން އެމްޑީޕީ ކައުންސިލަރުން އިސްތިޤްބާލުގައި ނުނިކުތުން ކަމަށް ޝަފީޤް ވިދާޅުވިއެވެ.
ޖަނަރޭޓަރު ގެންގޮސް އެޖަނަރޭޓަރު ބަހައްޓާނެ ކުޑަ ގެއެއް އެޅުމަށް ފަހު މިއަދު ހަވީރު އެތަނަށް ކަރަންޓް ދީފައިވާއިރު އެތަނަކީ ކޮންމެ ރެއަކު 8:00 އިން ފެށިގެން 1:00 ވަންދެން ބޮޑު ސްކްރީން މެދުވެރިކޮށް ޚަބަރު ބަލަމުން އަންނަ ތަނެކެވެ.