ދިވެހި ދައުލަތުގެ ތެރޭގައި "އަޑީ" ދައުލަތެއް އުފެދިފައިވާ ކަމަށާއި، ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވަނީ އެ ދައުލަތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާ ދިވެހިންގެ އަދަދު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމަ ޝަރީފް އުމަރު ހޯމަ ދުވަހު ހާމަކުރެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށެވެ. އަދި "އަޑީ" ދައުލަތުގެ ސަބަބުން ދިވެހި ދައުލަތުގެ ބާރު އޮޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި، ހަނގުރާމަ އަށް ވެސް މީހުން ފޮނު ވަނީ އެ ދައުލަތުން ކަމަށާއި، އެ ދައުލަތުން ވަނީ ކިތަންމެ މުއައްސަސާއެއްގެ ތެރޭގައި ވެސް ވަކި ހިއްޕާލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ބަހައްޓާފައި ވަނީ ވެސް މި "އަޑީ" ދައުލަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Dhivehi Dhaulathuge thereygai Adee Dhaulatheh ufedhi Dhivehi Dhaulathuge baaru midhanee holhivamun.Han'guraama ah ves meehun fonuva mi Dhaulathun vanee kithanme muahsasaa ehge thereygai vaki hippaafa.Raees Yameen verikamugai bahatanives mi Adee Dhaulathunhttps://t.co/Oc3VXwvS0c
— Mohamed Nasheed (@MohamedNasheed) January 15, 2018
މީގެ ކުރިން ވެސް ރައީސް މުހައްމަދު ނަޝީދު ވަނީ ދިވަހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ސިފައްކުރައްވާފައިވާ ގޮތުގައި އެ މީހުންނަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންނެވެ. އަދި ބޭރުގެ ޤައުމުތަކުގައި ވަކިން ހާއްސަކޮށް ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ، ހައްދުފަހަނަ އެޅި މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ތަކުރާރުކޮށް ފާޅުކުރައްވައިފައި ވެއެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް ތިބީ 61 ދިވެހިން ކަމަށާއި، ހަނގުރާމައަށް ދާން އުޅުނު 68 މީހުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ފޮނުވުމުގައި އަޑީގައި ތިބި ބަޔަކު ހައްޔަރުކުރެވިފައި ވާކަން ޑިފެންސް މިނިސްޓަރު ވެސް ހާމައެއް ނުކުރައްވައެވެ.