ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް ތިބީ 61 ދިވެހިން ކަމަށާއި، ހަނގުރާމައަށް ދާން އުޅުނު 68 މީހުން ހުއްޓުވާފައިވާ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފި އެވެ.
އެންސީޓީސީ އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހަނގުރާމައަށް ގޮސްތިބި ދިވެހިންގެ އަދަދު 61 އަށް އިތުރުވެފައިވާ ކަަމަށެވެ.
މީގެ ކުރިން 2016 ވަނަ އަހަރުގެ ތެރޭގައި އެންސީޓީސީ އިން ހާމަކުރި ގޮތުގައި، ހަނގުރާމައަށް ގޮސް ތިބީ 49 ދިވެހިންނެވެ. އަދި ހަނގުރާމައަށް ދާން އުޅުނު ތިން މީހަކު ހުއްޓުވި ކަމަށް ސެންޓަރުން އެއިރު ބުނެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ދާން އުޅުނު 68 މީހަކު އެކި މަރުހަލާތަކުގައި ހުއްޓުވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 59 މީހަކާއި ނުވަ ކުޑަކުދިންނެވެ. އެ ކުޑަކުދިންނަކީ އާއިލާއިން ހަނގުރާމައަށް ގެންދަން މަސައްކަތް ކުރި ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި އޭގެ ތެރެއިން 12 މީހަކު ހުއްޓުވީ ތުރުކީ އިން ކަމަށާއި، އަދި 13 މީހަކު އެހެނިހެން ގައުމުތަކުން ކަމަށެވެ. އަދި 21 މީހަކު މާލެ އިން ހުއްޓުވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަނގުރާމައަށް ދާން އުޅުނު މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ހިންގި ތަހުގީގު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސް ތިބި މީހުންގެ ތެރެއިން ތިން މީހަކު އަމިއްލައަށް އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަނބުރާ އައި ތިން މީހުންނާ މެދު ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާ ކަމަށާއި އެމީހުންގެ މައްޗަށް ހިންގާ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އިނގިރޭސިވިލާތާއި އެމެރިކާ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ޓްރެވަލް އެޑްވައިޒަރީތައް ނެރުނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަކާ ނުލައި ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ނެރުނު އެޑްވައިޒަރީގައި ވާގޮތުގައި، ކުރިއާލައި އިންޒާރު ދިނުމެއް ނެތި ނުވަތަ އިންޒާރު ދިނުމަށް ފަހުގައި ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ތަންތަނަށާއި، މާރުކޭޓްތަކާއި، ފިހާރަތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިމާރާތްތައް ހިމެނޭ ސަރަހައްދުތަކަށް ހަމަލާދިނުން އެކަށީގެންވާ ކަމަށް އެޑްވައިޒަރީގައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި ބައެއް ގައުމުތަކާއި އެއަރލައިންތަކުން އެކަމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. އެގޮތުން ބްރިޓިޝް އެއަރވޭސް އާއި ލުފްތާންސާ މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަތިޔާރާ އެކު ސިފައިން ގެންދަނީ އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ބައެއް ޖަމިއްޔާތަކާއި ގްރޫޕްތަކުން ހައްދުފަހަނައަޅާފައިވާ ފިކުރު ފަތުރަމުންދާ ކަމަށާއި އަދި ބައެއް މިސްކިތްތަކުގައި ވެސް އެކަން ކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޓެރަރިޒަމުގެ ގިނަ ކަންތައްތައް ގުޅިފައި ހުރީ ސިޔާސީ ކަންކަމާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން އަނބުރާ މުޖުތަމައުއަށް ގެނެއުމަށް ހާއްސަ ސެންޓަރެއް ހެދުމުގެ މަސައްކަތް ހޯމް މިނިސްޓްރީއިން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމުގެ އަމަލުތަކަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަންކަމެވެ.
ބޭރުގެ އިދާރާތަކުން ބުނާ ގޮތުގައި، އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް މީހުން ހަނގުރާމައަށް ގޮސްފައިވަނީ ރާއްޖެއިންނެވެ. އެގޮތުން، ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދު 200 އަށް އަރާނެ ކަމަށް އެ އިދާރާތަކުން ބުނެއެވެ. ބޭރުގެ ގައުމުތަކުން ދިވެހި ސަރުކާރަށް އެންމެ ބޮޑަށް ޕްރެޝަރުކޮށް، ފާޑުކިޔަމުންދަނީ ހައްދުފަހަނައަޅައި ދިއުމާއި، ޓެރަރިޒަމް ހުއްޓުވުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.