ޅ. ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ދަރިފުޅު ބަނޑުން ނެގުމަށް އައިޖީއެމްއެޗުން އޮޕަރޭޝަން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ތަހުގީގު ޓީމެއް އައިޖީއެމްޗްގެ އޮޕަރޭޝަން ތިއޭޓަރަށް ވަދެ، ތަހުގީގަށް ބޭނުންވާ ސާންޕަލްތައް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދަނީ ޑޮކްޓަރުންގެ އިހުމާލުން މާބަނޑު މީހެއްގެ ބަނޑަށް ދަރިމަރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އިތުރަށް އެ މައްސަލާގައި މައުލޫމާތު އާންމު ކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑުން ދަރިފުޅު ނަގާފައިވަނީ ދަރިފުޅު ބަނޑަށް ދަރިމަރުވިތާ، ހަފްތާއެއް ފަހުންނެވެ. ސިޒޭރިއަން ހަދައިގެން، ޒައީމާގެ ބަނޑުން ދަރިފުޅު ނެގުމުން، އާދިއްތަ ދުވަހު ފުލުހުންގެ ފޮރެންސިކް ޓީމެއް ވަނީ އައިޖީއެމްއެޗަށް ގޮސް، ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފަ އެވެ. އަދި އެ ތުއްތު ކުއްޖާގެ ފޮޓޯ ނަގާފައިވެއެވެ.
ރާއްޖެޓީވީގެ ނޫސްވެރިންނަށް ވެސް ވަނީ އެ ކުއްޖާގެ ހަށިގަނޑު ބަލާލުމުގެ ފުރުސަތު ލިބިފައެވެ ."ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ފާހަގަ ކުރެވުނު ގޮތުގައި ބަނޑަށް މަރުވެފައިވާތާ ގިނަ ދުވަސްވުމުން، އެ ކުއްޖާގެ ހަށިގަނޑުން ހުރީ ހަން ނެއްޓިފަ އެވެ. ކުއްޖާގެ ދެ ލޮލުން ލޭ ފައިބަމުންދިޔަ އެވެ. އަދި ހަށިގަނޑު ވަރަށް ބޮޑަށް ފޮއްސިވެފައިވާކަން ވެސް ފާހަގަ ކުރެވުނެވެ.
"ރާއްޖެޓީވީ"އަށް އެނގިފައިވާ ގޮތުގައި މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވި ދުވަސް ވެސް ހާމަކުރަން އައިޖީއެމްއެޗުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެ މައުލޫމާތު ޒައީމާގެ އާއިލާއާ ވެސް ހިއްސާއެއް ނުކުރެއެވެ. ލިޔުމުން ހުށަހެޅުމުން އެކަމުގެ ތަފްސީލު އާއިލާއަށް ދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ސިޒޭރިއަން ހަދައިގެން، ޒައީމާގެ ބަނޑުން ދަރިފުޅު ނަގާފައި ވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުންނެވެ. ޒައީމާގެ ބަނޑަށް ދަރިފުޅު މަރުވެފައި ވަނީ އަށް މަހުގައެވެ. ޒައީމާ ބަލިވެއިނީ އޭނާގެ ހަތަރު ވަނަ ދަރިފުޅަށެވެ.
އެ ދަރިފުޅުގެ ހަރަކާތްތައް ހުރި ގޮތުން ޝައްކު ކުރެވިގެން ޒައީމާ ގެންދިޔައީ ނައިފަރު ހޮސްޕިޓަލަށް ބަރާބަރަށް ދައްކަމުންނެވެ. ނަމަވެސް އެތަނުގެ ޑޮކްޓަރުން ބުނަމުންދިޔައީ މައިމީހާ އާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. މި މަހުގެ ހަތް ވަނަ ދުވަހު ދަރިފުޅުގެ ހަރަކާތް ހުއްޓި ވިންދު ނުޖަހާތީ ޑޮކްޓަރަށް ދެއްކުމުން ވެސް އެ ހޮސްޕިޓަލުން ބުނެފައި ވަނީ ޒައީމާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ހަމަ އެ ދުވަހު ކުއްލި ގޮތަކަށް އެ ހޮސްޕިޓަލުން ލަފާ ދިނީ އެމެޖެންސީގައި މާލެ ދިއުމަށެވެ.