މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ނެރެން ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަން ނިންމަން ޕްރައިމެރީއަށް ދާން ނުޖެހޭ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިވަގުތު ވަރަށް ބިޒީކޮށް، މީޓިންގ އަކަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެ، ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް ވަރަށް ކުރުކޮށް ހަލީލު ވިދާޅުވީ "އެކަން ނިންމާނީ ކައުންސިލުން" ކަމަށެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އާ ވާހަކަދައްކަވަމުން ހަލީލް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ނިކުންނަވާނީ ރައީސް ޔާމީން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ޕީޕީއެމްގެ އާންމު މެންބަރުންނާއި ޕާޓީގެ ކައުންސިލް މެންބަރުން ވެސް އެމަނިކުފާނަށް ޓިކެޓު ދިނުމަށް އިއްތިފާގުވާ ކަމަށާއި އެ ފުރުސަތު ދޭން ނިންމާފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްފައިވާތީ ކަމަށެވެ.
ޕީޕީއެމުން ބުނަމުންދަނީ މިހާރު ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަކީ އެޕާޓީ ކަމަށެވެ.
ހަލީލު ވިދާޅުވި ގޮތުގައި ޕީޕީއެމުން ބާއްވާ ޕްރައިމަރީތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެންބަރަކަށް ލިބިގެންދާނެ ކަމަށެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް އަސާސީ ގަވައިދުގެ ދަށުން މުޅި ކައުންސިލް އެއްބަސްވެވޭ ހާލަތެއްގައި ރައިސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކު ދެވަނަ ދައުރަކަށް ހޮވަން ބޭނުން ނަމަ ޓިކެޓު ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަލީލް ވިދާޅުވެފައި ވެއެވެ.
ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީންއަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވާނެ ކަމަށް ސިޔާސީ ބޭފުޅުން ގަބޫލު ކުރައްވާއިރު، ރައީސް ޔާމީން ގެންދަވަނީ ވެރިކަމަށް ވަޑައިގެންނެވީސުރެން 2018 އަށް ކެމްޕެއިންގެ ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ކެމްޕެއިންގައި އެންމެ އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވަނީ ވެސް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ އެވެ.