މިއަަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިޓެންޑެންޓް ހަމްދޫން ރަޝީދު ފުލުހުންގެ އިދާރާއިން ހަމަޖައްސައިފި އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމްދޫން ހަމަޖައްސާފައިވާކަން ފުލުހުންނަށް ވެސް މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް ފުލުހުންގެ އެތެރޭގައި ހިނގާ މިފަދަ ބަދަލުތައް މީޑިއާއަށް ހާމަ ކުރަމުން ނުދާތީ އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުފައެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކޮމާންޑަރެއްގެ ގޮތުގައި ހަމްދޫން ރަޝީދު ހަމަޖައްސައި، ފުލުހުންގެ އިދާރާއިން އެކަން ހުރިހާ ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މަހްލޫފް ވިދާޅުވީ މީގެކުރިން އިންތިހާބަކަށް މިހާ އަވަހަށް ފުލުހުން ތައްޔާރު ނުވާ ކަމަށެވެ. އަދި އިންތިހާބު ގަޑުބަޑު ކުރަންޖެހޭނީ އިދިކޮޅު ސިޔާސީ ފަރާތްތައް މަރާލާފައި ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
2018 vana aharuge riyaasee inthikhaabge commander ehgegothuga Chief Superintendent Hamdhoon Rasheed hamajassa @PoliceMv inn hurihaa fuluhunnah angaifi. Meegekurin evves inthikhaabakah mihaa avahah fuluhun thayyaarunuvey. Inthikhaab gandhbadu kuranjeheynee alhugandumen maraalaafa
— Ahmed Mahloof (@AhmedMahloof) January 14, 2018
މިއަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާން ކޮށްފައި ނުވާއިރު، މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިހާބު ބާއްވާ، ބޭފުޅަކު އިންތިހާބު ކޮށް، ރައީސް ކަމުގެ މަގާމާ ހަވާލުވާން ޖެހެއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ ސަރުކާރުން ކެނޑިނޭޅި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާއިރު، ގުޅިފައިވާ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ އެއް ކެނޑިޑޭޓެއް ނެރުމަށްޓަކައި މަޝްވަރާތައް ކުރަމުންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެގެންދާނީ ވާދަވެރިކަން ބޮޑު އިންތިހާބަކަށް ކަމަށް ބެލެވެއެވެ. އަދި މިއީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް ސަރުކާރުގެ ނުފޫޒުގެ ދަށުގައި އޮވެ، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލުމަށް ފަހު ބާއްވާ ފުރަތަަމަ ރިޔާސީ އިންތިހާބެވެ. އަދި ބޭރުގެ ގައުމުތަކުގެ ވެރިންނާއި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ޕްސެޝަރު ސަރުކާރަށް ބޮޑުކަމަށް ސަރުކާރުގެ އިސްވެރިން ވާހަކަތަކުން ވެސް ދަނީ ހާމަވަމުންނެވެ.