މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ބަރަހަނާ ފޮޓޯތަކެއް ކަމަށް ބުނެ ފަތުރަމުންދަނީ ފޭކް ފޮޓޯތަކެއް ކަމަށް ޝަލަބީގެ ޓީމުން ބުނެފިއެވެ.
އުމުރުން 20 އަހަރުގެ ޝަލަބީގެ ބަރަހަނާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ލީކް ކޮށްލައިގެން އުޅެނީ ނިމިގެންދިޔަ ހަފްތާ ތެރޭގައެވެ. މި ފޮޓޯތަކާ ގުޅޭ ގޮތުން އާދިއްތަ ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ 'ސައްޕެ' ބުނި ގޮތުގައި އެފަދަ ފޭކް ފޮޓޯތަކެއް ފަތުރަމުންދަނީ ޝަލަބީގެ އަގު ވައްޓާލުމުގެ ގޮތުން ކަމަށެވެ.
އެ ފޮޓޯތައް އެޑިޓްކޮށް ލީކްކުރާ ބައެއް އެނގޭ ކަމަށާއި އެފަދަ އިތުރު ފޮޓޯތައް ލީކް ކުރާނެކަމުގެ އިންޒާރު އެ މީހުން ދީފައިވާ ކަމަށާއި ނަމަވެސް މި ކަމަށް ސަމާލުކަން ދޭން ޝަލަބީ ބޭނުން ނުވާކަމަށް ސައްޕެ ބުންޏެވެ.
"މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް ޝަލަބީއެއް ވެސް ބޭނުމެއް ނުވޭ. އާންމުުންނަށް އެނގޭނެ މިއީ ހަގީގީ ފޮޓޯތަކެއް ނޫންކަން،" ސައްޕެ ބުންޏެވެ.
ޝަލަބީގެ ބަރަހަނާ ފޮޓޯތަކެކޭ ކިޔަައިގެން ފުރަތަމަ މިފަދަ "ފޭކް" ފޮޓޯއެއް ލީކްކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި މިހާރު ލީކްކޮށްގެން ކަމަށް މިކިޔާ ފޮޓޯތަކުގެ ވާހަކަ ފުރަތަމަ ފެންމަތި ވެފައިވަނީ ނިމިގެންދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ކަމަށް ވެސް ސައްޕެ ބުންޏެވެ. މިހާރު ދެ ފޮޓޯއެއް ފަތުރަމުން ދާއިރު އެއް ފޮޓޯއިން ޝަލަބީގެ އުނަގަނޑުން މަތި، އަނެއް ފޮޓޯއިން އުނަގަނޑުންތިރި ފެންނައިރު، ޝަލަބީގެ ފުލް ފޮޓޯއެއް ނެތުމުން އެއީ ފޭކް ފޮޓޯއެއް ކަމަށް ސައްޕެ ފާހަގަކުރި އެވެ.
އެ ފޮޓޯތަކަށް ކޮމެންޓްކޮށްފައިވާ ގިނަ ފަރާތުން ދަނީ މިއީ ހަގީގަތުގައި ޝަލަބީގެ ފޮޓޯއެއްކަން ހާމަކުރުމަށް "ފުލް ފޮޓޯ" ދެއްކުމަށް ވެސް ގޮވާލާފައެވެ.
ޝަލަބީއާއި ރާއްޖޭގެ މަޝްހޫެރު އަންހެން ލަވަކިޔުންތެރިއެއްގެ ފޮޓޯއެއް އުޅޭ ވާހަކަ ވެސް މީގެ ކުރިން ދައްކާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެބުނާ ފޮޓޯއެއް ދެއްކިފައި ނުވާކަން ސައްޕެ ފާހަގަ ކުރިއެވެ. ޝަލަބީ ހައްޔަރުކޮށްފިކަމަށް ބުނެ ފޭކް ހަބަރުތަކެއްވެސް ކުރިން ފެތުރި ކަމަށް ވެސް ސައްޕެ ބުންޏެވެ.
މަޝްހޫރު މީހުންގެ މިފަދަ ފޭކް ފޮޓޯތައް ލީކްކުރަނީ ފައިސާ ހޯދުމުގެ ނިޔަތުގައި ކަމަށް ވެސް ސައްޕެ ބުންޏެވެ.