ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް އާމްދަނީ ލިބެނީ ދަރަނިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އިޤުތިޞާދު ވަރުގަދަ ވާނީ އިޤުތިޞާދަށް ލިބޭ އާމްދަނީ އިތުރުވެގެން ކަމަށާއި، އެގޮތުން ސަރުކާރުގެ އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުގެ އެކި ސިޔާސަތުތައްވެސް ބައްޓަންވާންޖެހޭނީ ސަރުކާރަށް އާމްދަނީ ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރުގެ ސިޔާސަތުތައް ހުރިގޮތުން ރާއްޖޭގެ އިޤުތިޞާދަށް އާމްދަނީ ލިބޭ އެންމެ ބޮޑު ވަޞީލަތަކަށް ވެފައިވަނީ ދަރަނި ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދުމަށް، ރައްޔިތުންގެ އަތުން ނަގާ ޓެކުހަށްވެސް ސަރުކާރު ބަރޯސާ ވަމުންދާ ކަމަށާއި، އެ ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ގޮތެއް ނެތްއިރު އެއީ ހަމަޖެހޭ އުޞޫލެއް ނޫން ކަމަށެވެ.
"އިޤުތިޞާދެއް ވަރުގަދަވާނީ، އެ އިޤުތިޞާދަކަށް ލިބެންޖެހޭ އާމްދަނީ، ނުވަތަ އެ ޤައުމެއްގެ އިޤުތިޞާދަށް ލިބެންޖެހޭ ލިބުން، އިތުރުވާނެ ގޮތްތަކެއް އޮވެގެން. އެ އިތުރުވާނެ ހަމައެކަނި މަގަކީ ޓެކްސް ނެގުން ކަމަށްވާނަމަ ދެން ކިހިނެއްތޯ އެ އިޤުތިޞާދު ކުރިއަރާނީ. ޓެކްސް މި ނަގަނީ ދިވެހި ރައްޔިތުންގެ އަތުން. ޓެކްސް ނަގަން ބަލާއިރު ރާއްޖޭގަ ހުރި ރިސޯސަސްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ވިޔަފާރި އުފެއްދެނީ ކިހާވަރަކަށްތޯ. އުފެއްދެނީ ކިހާވަރަކަށްތޯ ބަލާއިރު، ވިޔަފާރި އުފެއްދުމަށްޓަކާ ބޭނުންވާ ވަޞީލަތްތައް، ކެޕިޓަލް، މިސާލަކަށް ފައިސާ ކިހާވަރަކަށްތޯ ލިބެން ހުރީ، އެ ވިޔަފާރީގެ ތެރޭގަ މަސައްކަތްކުރާ މީހުން ކިހާ ވަރަކަށްތޯ ތިބީ، އެ ވިޔަފާރިން ނަފާ ނެރެވެނީ ކިހާ ވަރަކަށްތޯ. މި ކަންތައްތަކަށްޓަކާ މަގުފަހިކޮށްދޭން ޖެހެނީ ސަރުކާރުން"، އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިހާރު ދިވެހި ސަރުކާރުން ދަރަންޏަށް ފައިސާ ހޯދަމުން މިދާ ނިސްބަތުން، މި ސަރުކާރުގެ ދައުރު ނިމޭއިރު، ނުވަތަ އޭގެ ދުވަސްތަކެއް ފަހުންވެސް ރާއްޖޭގެ ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީއަށްވުރެ ދަރަނި ބޮޑުވެ، ދައުލަތް ބަނގުރޫޓުވާފަދަ ހާލަތަކަށް ދާން ޖެހިދާނެ ކަމަށެވެ. އަދި އެ ދުވަހަކާއި ހަމައަށް ދާއިރު މިއަދުގެ ސަރުކާރުގައި ތިބި ފަރާތްތައް އެކަމުގެ ބުރަ އުފުލުމަށް ސަރުކާރުގައި ތިއްބަވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި އަމީން ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، ނުއަގުގައި ޕްރޮޖެކްޓް ހިންގުމަކީ އޭގެ ސަބަބުން ބައެއް ފަރުދުންނަށް ފައިދާވި ނަމަވެސް، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.