ދިއްގަރު ދާއިރާގެ މެމްބަރު އަދި ދަރިކަލުން ފާރިސް މައުމޫނާއިމެދު ނާއިންސާފުން ކަންތައްތައް ކުރާ މީހުން އެކަމުގެ އަގު ދައްކަންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ފާރިސް މައުމޫން ޖަލުގައި އޮންނަތާ 180 ދުވަސްވެފައިވާކަން ފާހަގަކޮށް، ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ފާރިސް ގޯސްކޮށް ކޮށްފައިވާ ކަމެއްގެ ހެއްކެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ފާރިސް މައުމޫނާއި މެދު ނާއިންސާފުން ކަންތައްތައްކޮށް، އަނިޔާދޭ ފަރާތްތަކާއި އެ ކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން އަވަސް ފުރުސަތެއްގައި ނުވަތަ ފަހުން ނަމަވެސް އެކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
Yesterday was the 180th day @afarismaumoon has spent in prison without a court sentence or even any evidence of a wrong doing presented in court. Those responsible for this outrageous act of injustice will pay for it sooner rather than later! pic.twitter.com/6U6zQdHJgp
— Maumoon Abdul Gayoom (@maumoonagayoom) January 14, 2018
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދެއްވި ކަމުގެ ތުހުމަތު އެވެ.
މައްސަލައިގައި އެންމެފަހުން ބޭއްވި ޝަރީއަތުގައި، ޝަރީއަތުގެ ކަންކަން ކުރިއަށްދާ ގޮތުން އިންސާފު ލިބޭ މަންޒަރު ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް ވިދާޅުވުމުން، މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އިންސާފުގެ ވާހަކަ ދައްކަން ފުރުސަތު ނުދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ، ވަނީ ފާރިސް އަށް އަންގަވައިފަ އެވެ.
ދެން އޮންނާނީ ޝަރީއަތަށް ހުށައެޅި ހުށަހެޅުންތަކާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އެވެ. އެކަމަށް ބާއްވާ އަޑުއެހުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.