އެެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ބަޔަކު މީހުން ކޮށްފައިވާ 66 މިލިއަނަށް ވުރެ ގިނަޑޮލަރުގެ ވައްކަން، ކްލޫނީގެ ފިލްމުތަކާވެސް ނުބައްދަލުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ.އެމްވީ ގައި ލިޔުއްވި ލިޔުއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ވައްކަމަކީ ހީލަތްތެރިކަމުގެ އިންތިހާކަމަށާއި، މަކަރުވެރިކަމާއި އޮޅުވާލުމުގެ ލާމަސީލެއް ކަމަށެވެ. އަދި އެއީ ޙަޤީޤަތުގައި ވެސް، ވަރަށް ރަނގަޅު އިކޮނަމިސްޓަކަށް ނޫނީ ނުނެރެވޭނެ ސިއްރުވެރި ވައްކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"21 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް، އެމް.ޕީ.އާރ.ސީ މެދުވެރިކޮށް 40 ރަށަކާއި 3 ފަޅެއް ވިއްކިއެވެ. ވިއްކުނު ތަންތަނުގެ އާމްދަނީގެ ގޮތުގައި ލިބުނީ 66,385,921.34 (ފަސްދޮޅަސް ހަ ހާސް ތިން ލައްކަ އަށްޑިހަ ފަސް ހާސް ނުވަސަތޭކަ އެކާވީސް ޕޮއިންޓް ތިނެއް ހަތަރު) އެމެރިކާ ޑޮލަރެވެ. ޑޮލަރު ލިބިފައި ހުރީ އެމް.އެމް.ޕީ.އާރ.ސީ ގެ ނަމުގައި ލިޔެވިފައި ހުރި ޗެކުންނެވެ. ލިބުނު މިފައިސާ ޖަމާ ކުރީ ދައުލަތުގެ ކުންފުނި އެމް.އެމް.ޕީ.އާރ.ސީ ގެ އެކައުންޓަކަށް ނޫނެވެ. މުޅިން އެހެން އަމިއްލަ ބައެއްގެ ކުންފުޏެއްގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށެވެ. އެސްއޯއެފްގެ އަމިއްލަ ޑޮލަރު އެކައުންޓަށެވެ،" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ 2014 ވަނަ އަހަރުގެ ޖުލައި މަހާއި 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ދެމެދުގައި އެސް.އޯ.އެފްގެ އެކައުންޓުން 1833 ޓްރާންސެެކްޝަން ހަދާފައިވާ ކަމަށާއި، ދިވެހި ދައުލަތުގެ ޚަޒާނާއިން ކުރި 66 މިލިއަން އެމެރިކާ ޑޮލަރުގެ ވައްކަން ކޮށްފައިވަނީ އެ ޓްރާންސެކްޝަންތަކުން ކަމަށެވެ.
އަދި އެސް.އޯ.އެފް ގެ އެކައުންޓުން ނަގުދު ފައިސާގެ ގޮތުގައި ނަގައި އެކިއެކި ފަރާތްފަރާތައް ބަހާފައިވާ ފައިސާގެތެރެއިން ގިނަ އަދަދެއްގެ ފައިސާ އުފުލިފައިވަނީ ރައީސް ޔާމީނުގެ ގެކޮޅަށް ކަމަށް އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިޒް ފިލްމުން ސާފުވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ ގެކޮޅަށް އުފުލުނު ނަގުދު ފައިސާގެ ޖުމްލަ އަދަދެއް ހިސާބުން ފެންނަން ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެސް.އޯ.އެފްގެ އެކައުންޓުން ނަގުދު ފައިސާގެ ގޮތުގައި ނޫން ގޮތަށް ވެސް ހިންގާފައިވާ މުއާމަލާތް މަދު ނޫން ކަމަށާއި، އެމުއާމަލާތްތައް ރައްދުވާ ފަރާތްތައް ވެސް ފެންނަން އެބައޮތް ކަމަށް ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވެއެވެ.