ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ބިޑް ކާމިޔާބުވެގެން ލިބިފައިވާ 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއް އެއްބަސްވުން އުވާލުމަށް ފަހު ސަރުކާރުން އަތުލައިފިއެވެ.
އެއްބަސްވުން އުވާލައި ޕްރޮޖެކްޓްތައް އަތުލި ކަމަށް އަންގައި ސައުދުގެ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީއެއް ރާއްޖެ އެމްވީއަށް ވެސް ވަނީ ލިބިފައެވެ.
އެސިޓީތަކުގައި ބުނެފައިވާ ގޮތުގައި ޖުމްލަ 6 ޕްރޮޖެކްޓެއް ސަރުކާރުން ވަނީ އެކުންފުނިއަތުން އަތުލި ކަމަށް އަންގާފައެވެ. އެގޮތުން އަތުލި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ޅ ހިންނަވަރު ސިއްޙީ މަރުކަޒުގެ އާއިމާރާތް އެޅުމުގެ ޕްރޮޖެކްޓް އަތުލި ސަބަބެއް އަންގާފައި ނުވާއިރު، ލ އަތޮޅު ޗިލްޑްރެން ސަރވިސް ސެންޓަރ ޢިމާރާތް ކުރުމުގެ މަސައްކަތް އެކުންފުނިއަތުން އަތުލި ސަބަބެއްގެ ކަމުގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މުރާޖާ ކުރިއިރު އެމަސައްކަތް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ ކަމަށެވެ.
މީގެ އިތުރުން އެގްރީމެންޓް ކޮށްގެން ކުރިއަށް ގެންދަމުން ދަނިކޮށް އަތުލާފައިވާ އަނެއް ހަތަރު ޕްރޮޖެކްޓްވެސް އަތުލި ސަބަބެއް ކަމުގައި ބުނެފައިވަނީ އެޕްރޮޖެކްޓްތަކުގެ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ ކަމަށެވެ. އެހަތަރު ޕްރޮޖެކްޓަކީ ފ ނިލަންދޫ އަތޮޅު ތައުލީމީ މަރުކަޒުގެ 8 ކްލާސް ރޫމް ބްލޮކް، މަލްޓިޕާޕަސް ހޯލް އަދި ލެބޯޓަރީގެ މަސައްކަތާއި، ލ މާވަށު ސްކޫލުގެ 5 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލްގެ މަސައްކަތުގެ އިތުރުން ދ ކުޑަހުވަދޫ ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތާއި ޅ ނައިފަރު މަދްރަސަތުލް އިފްތިތާހްގެ 10 ކްލާސްރޫމާއި ސްޓާފް ރޫމް އަދި އޭވީ ރޫމްގެ މަސައްކަތުގެ ޕްރޮޖެކްޓެވެ.
އިއްތިފާގުން މި ހުރިހާ ޕްރޮޖެކްޓެއްވެސް ސައުދުﷲގެ ކުންފުނިން އަތުލާފައިވަނީ އެއް ދުވަހެއްގައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސައުދުﷲ ވިދާޅުވީ މިހުރިހާ ޕްރޮޖެކްޓަކީވެސް ޓެންޑަރ ބޯޑުގެ ތެރެއިން ވާދަވެރި ބިޑްތަކެއް ހުށަހަޅައިގެން ކާމިޔާބުވުމުން ހަވާލު ކޮށްފައިވާ ޕްރޮޖެކްޓް ތަކެއް ކަމަށެވެ.
ރާއްޖެ އެމްވީއަށް ވަނީ ބިޑް ކޮށްފައިވާ ކުންފުނިތަކާއި ކުންފުނިތަކުން ހުށަހަޅާފައިވާ އަގުތައް ހާމަވާ ލިއުމެއް ލިބިފައެވެ. އޭގައިވާ ގޮތުން ސްވިފްޓް އިންޖިނިއަރިންގ އަށް ލިބިފައިވާ 6 ޕްރޮޖެކްޓްވެސް އެޕްރޮޖެކްޓްތަކަށް އެހެން ކުންފުނިތަކުން ހުށަހަޅާފައިވާ އަގަށް ވުރެ ސައުދުގެ ސްވިފްޓް އިންޖިނިއަރިންގ އިން ހުށަހަޅާފައިވާ އަގުތައް ކުޑައެވެ.
ސައުދު ވިދާޅުވީ މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް ސިޓީތަކެއް ފޮނުއްވާފައިވާނޭ ކަމަށާއި އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް އައިއިރުވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.
ސައުދުﷲ ހިލްމީއަކީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަން ދޫކުރައްވާ އިސްލާހީ ހަރަކާތާ ގުޅިވަޑައިގަތުމާއެކު ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ މެންބަރެކެވެ.