މިއަހަރުގެ ތެރޭގައި ސްކޫލް ކުދިންނަށް ޓެބްލެޓް ދީގެން ކިޔަވައިދޭ ވާހަކަ ސަރުކާރުން ދައްކާއިރު، ސްކޫލްތަކުގައި އެންމެ އަސާސީ ކަންކަން ފުރިހަމަވެފައިވޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ސްކޫލްތަކުގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ސްކޫލްތަކުގައި ކުރަން ޖެހޭ އާދައިގެ މަރާމާތުތައް ކުރުމަށް ބޭނުންވާ ބަޖެޓްވެސް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ ކަމަށެވެ. އަދި މަދު ސްކޫލް ތަކެއްގައި ނަމަވެސް، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ފެށިއިރު، ސްކޫލް ހުޅުވެން ހަފްތާއަކަށް ވެފައިވަނިކޮށް ގިނަ އަދަދެއްގެ ޓީޗަރުން ހޯދަން ސަރުކާރުން އިއުލާން ކޮށްފައިވާތީ އަލީ ހުސައިން ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސްކޫލްތައް ހުޅުވެންވާއިރަށް ސަރުކާރަށް ތައްޔާރު ވެވިފައިނުވާ ކަމަށާއި، ސްކޫލްތަކަށް ޓީޗަރުން ހޯދަން އިއުލާން ކުރަން ޖެހެނީ ސްކޫލް ހުޅުވެން ހަފްތާއަކަށް ވުމުން ނޫން ކަމަށެވެ. އަދި 80 ހާހެއްހާ ދަރިވަރުން މިއަދު އަނބުރާ ސްކޫލްތަކަށް ދިޔައިރު، އެކުދިންނަށް ޚިދުމަތް ދޭން ސަރުކާރުން ވަނީ ނުކުޅެދިފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ ޓެބްލެޓް ދޭން ސަރުކާރުން ބުނާއިރު، އަތޮޅު ތެރޭގައި ބައެއް ރަށްތަކުގައި ދަރިވަރުން ސްކޫލަށް ދަނީ ނަޖިސް ފެނުން ފެންވަރައިގެން ކަމަށެވެ. އަދި ޓެބްލެޓް ދިނުމުގެ ކުރިން ސްކޫލްތަކުގައި ދަރިވަރުންނަށް ބޭނުންވާ އަސާސީ ކަަންކަން ފުރިހަމަވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.