ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އަތުލައިގަތް ކަނޑު ފޭރޭ މަސް ބޯޓުތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހަށްދުން އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަނެފައިވާ ކަނޑު ފެރޭ ދެ މަސް ބޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް އެމްއެންޑީއެފުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އަތުލައިގަތީ ކަނޑުފޭރޭ ބޯޓްތަކެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށާއި މި ބޯޓުތަކަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައި ތިބި ބައެއް ކަމަށެވެ.
މީގެ އިތުރުން އެމީހުންނާއެކު މުގާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައި ވަނީ ހުޝިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ފެނުނު ސޯމާލިއާ ދިދަ ނަގާފައިވާ ދެ ބޯޓް އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު އަލީންނެވެ. އެ ދެ ބޯޓް މިހާރުވަނީ މާލެ ގެނެސްފައެވެ.
"ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މަސްބޯޓެއް އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުން އަތުލި އިރު މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސްބޯޓް ތައިލެންޑުގެ 10 ފަޅުވެރިންނާއި އެކު އަތުލައިގަތީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.