ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް މަރުވި ކަމަށް ބުނާ ކުއްޖާ، ހަފްތާއެއް ފަހުން މާބަނޑު މީހާގެ ބަނޑުން މިއަދު ނަގައިފި އެވެ.
ސިޒޭރިއަން ހަދައިގެން މާބަނޑުމީހާގެ ބަނޑުން ދަރިފުޅު ނަގާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު އައިޖީއެމްއެޗުންނެވެ. އެ ކުއްޖާގެ މަރުގެ ފޯމާއި ފޫޅުމާ ފޯމުގެ ކޮޕީއެއް "ރާއްޖެއެމްވީ"އަށް ވަނީ ލިބިފައެވެ. އެ ފޯމުގައި ވާގޮތުގައި ބަނޑަށް އަށް މަހުގައި މަރުވެފައިވާ އެ ފިރިހެން ކުއްޖާގެ ބަރުދަނުގައި ހުރީ ހަތަރު ކިލޯ އެވެ.
އެ ކުއްޖާގެ ހަށިގަނޑު ބަލާލުމުގެ ފުރުސަތު "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ލިބުނެވެ. "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ފާހަގަ ކުރެވުނު ގޮތުގައި ބަނޑަށް މަރުވެފައިވާތާ ގިނަ ދުވަސްވުމުން، އެ ކުއްޖާގެ ހަށިގަނޑުން ހުރީ ހަން ނެއްޓިފަ އެވެ. ކުއްޖާގެ ދެ ލޮލުން ލޭ ފައިބަމުންދިޔަ އެވެ. އަދި ހަށިގަނޑު ވަރަށް ބޮޑަށް ފޮއްސިވެފައިވާކަން ވެސް ފާހަގަ ކުރެވުނެވެ.
"ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި ބައެއް ޑޮކްޓަރުން ބުނީ ބަނޑަށް މަރުވާ ކުދިން، ބަނޑުން ނުނަގައި ގިނަ ދުވަސްވާނަމަ މައިމީހާއަށް ނުރައްކަލާ ކުރިމަތިވާނެ ކަަމަށެވެ. އެގޮތުން މައިމީހާގެ އެތެރެހަށީގައި އިންފެކްޝަން އުފެދުމާއި ލޭގައި ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. މައިމީހާގެ ފުރާނައަށް ނުރައްކާ ނުވާނަމަ، އެންމެ ރަނގަޅު ގޮތަކީ ވިއްސުވުން ކަމަށާއި ނުވިހައިފިނަމަ، ލަސްނުކޮށް ސިޒޭރިއަން ހަދައިގެން ވެސް ދަރިފުޅު ނަގަންޖެހޭނެ ކަމަށެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވިކަން އެނގުނީ ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗްގައި ޒައީމާ އެޑްމިޓް ކުރުމަށްފަހު، ފާއިތުވެދިޔަ ތިން ދުވަހު އޭނާގެ ބަނޑުން ދަރިފުޅު ނުނަގައި ފަސްކުރި ސަބަބާ މެދު އެ ހޮސްޕިޓަލަކުން އެއްޗެއް ނުބުނެއެވެ.
ޒައީމާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު "ރާއްޖެއެމްވީ"އަށް ބުނީ ޒައީމާގެ ހާލު އެހާ ދެރަ ނޫން ކަމަށެވެ. ނަމަވެސް ދެމަފިރިންނަށް ލިބުނު ހަތަރު ވަނަ ދަރިފުޅު މަރުވެގެން ދިއުމުން، އެކަމާ ހިތާމަ ކުރާ ކަމަށާއި އެކަމުން އަރައިގަތުމަށް ދުވަސް ނަގާނެ ކަަމަށް މުހައްމަދު ބުންޏެވެ.
ޒައީމާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލާގައި ވާހަކަ ދައްކަން ނައިފަރު ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދާފައެވެ. އެ ހޮސްޕިޓަލުން ބުނީ އެ މައްސަލާގައި ޖަވާބުދާރީ ވާނީ ހެލްތު މިނިސްޓްރީން ކަމަށެވެ. ހެލްތު މިނިސްޓްރީއާ ސުވާލު ކުރުމުން، މިހާތަނަށް އަދި އެއްވެސް ޖަވާބެއް ނުދެއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ގުޅައި، މެސެޖު ކުރުމުން ވެސް އެމަނިކުފާނު ވެސް ޖަވާބެއް ނުދެއްވިއެވެ.