ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް އާދީއްތަ ދުވަހު ވަޑައިގެންފި އެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެ މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންނަކީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަށް އެމެމްބަރުން ހުށަހަޅަފައިވާ މައްސަލައިގައި ވަކިގޮތެއް ނުނިންމައި، ޝަރީއަތުގެ އަޑުއެހުމެއް ވެސް ބާއްވާފައި ނުވާތީ، އެކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް ކަމަށް ވެއެވެ.
އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ މެމްބަރުންކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.
ސައުދު އާއި ލަތީފް މެމްބަރުކަމުން ވަކިކުރުމާއި ގުޅިގެން އެމެމްބަރުން ސުޕްރީމް ކޯޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ޝަރީއަތަކާއި ނުލައި ނެރެފައިވާ ލިޔުމާމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒު ވެފައެވެ. އެ ލިޔުމުން އެ މެމްބަރުން އަދާކުރަމުންދިޔަ ގޮނޑި ގެއްލިފައިވާކަން އަދި ގޮނޑި ގެއްލިފައިނުވާކަން ކަނޑައެޅިގެން ބަޔާން ކޮށްފައެއް ނުވެއެވެ.
މީގެއިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ( އަބުޅޯ) ވެސް، ވަނީ އެ މެމްބަރުން މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފަ އެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ ދަފްތަރުން ވެސް އެ މެމްބަރުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ.