މި ފެށުނު ދިރާސީ އާ އަހަރު މުދައްރިސުންނަށް ސިޔާސީ ނުފޫޒު ނުފޯރުވުމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ތަހުނިޔާ އަރިސްކުރައްވަމުން ޑރ. މުސްތަފާ ލުތުފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު މުދައްރިސުންނަން ސިޔާސީ ނުފޫޒުގެ އުދަނގޫ ނުފޯރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދަރިވަރުންނަން ހުރިހާ ގޮތަކުން ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރާސީ އާ އަހަރަށް މަރުޙަބާ ކިޔަނީ ދަރިވަރުންނަން ހުރިހާ ގޮތަކުން ކާމިޔާބަށް އެދެން، ޓިޗަރުންނަން ސިޔާސީ ނުފޫޒުގެ އުނދަގޫ ނުފޯރުވުމަށް އެދެން،" ޑރ. މުސްތަފާ ލުތުފީ ވިދާޅުވިއެވެ.
ދެ މަސްދުވަހެއްހާ ދިގު ޗުއްޓީއަކަށް ފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު، ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މީގެ ހަތަރު ދުވަސް ކުރިން 400 އަށް ވުރެ ގިނަ ޓީޗަރުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.
ސްކޫލުތައް ހުޅުވާއިރު، ޓީޗަރުން ހަމަނުވާތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. އަދި ސްކޫލުތައް ހުޅުވަން މަދު ދުވަސްކޮޅަކަށްވީފަހުން ޓީޗަރުން ހޯދަން އެޑިއުކޭޝަނުން އިއުލާންކުރުމަކީ ދީރާސީ އާ އަހަރަށް އެ މިނިސްޓްރީ ތައްޔާރުވެފައި ނުވާކަން އަންގައިދޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.
މީގެ ކުރިން ވެސް ޑރ މުސްތަފާ ލުތުފީ ވަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވެފައެވެ.