އޮޅުވާލައިގެން މީހުން ހައްޖަށް ގެންދިޔަ މައްސަލައިގައި، ޝެއިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލައިފި އެވެ.
ނަސްރުﷲގެ މައްޗަށް މިދިޔަ ހަފްތާގެ ތެރޭގައި ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ނަސްރުﷲ މެދުވެރިވެގެން މިިދިޔަ އަހަރު ބަޔަކު މީހުން ހައްޖަށް ގެންގޮސް، ހާލުގައި ޖެހުނު މައްސަލައިގައި ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައި ވެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާ އެކު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ. އޭގެ ފަހުން، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީގެ އިސްވެރިންތަކަކާއެކު އޭނާ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ނަސްރުﷲ ހައްޔަރުކުރީ، އޭނާ މި އަހަރު ހައްޖަށް ފޮނުވި ކަމަށް ބުނާ ހަތަރު މީހަކު މައްކާގައި ހާލުގައި ޖެހުނު މައްސަލައިގެ ތުހުމަތުގަ އެވެ. އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ހައްޖަށް ފޮނުވިއިރު އެ މީހުން ތިބޭނެ ހޮޓަލެއްގެ އިންތިޒާމް ވެސް އޮތީ ހަމަނުޖައްސާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ، ފަހުން އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ.
ނަސްރުﷲ ގެ މައްޗަށް މި ދެ ދައުވާކުރިއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ހަތަރު ދައުވާއެއްކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.
އެގޮތުން، އަނބިމީހާއަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާއާއި، ދަރިންނަށް އަޅާނުލާ ކަމަށް ބުނެ އަޅާނުލުމުގެ ދައުވާއާއި، ކައިވެނި ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ބުނެ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެއެވެ. މީގެ އިތުރުން، އޮރިޔާން ކާޑު އުފައްދައި، ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.