ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތައުލީމު އުނގަންނައި ދިނުމަށް މުޅިން ބަރޯސާނުވާނެ ކަމަށާއި ޒަމާނީ ވަސީލަތްތަކަކީ އާންމު ތައުލީމުގެ އުސޫލުތަކުގެ ތެރެއިން ފަހި ކުރެވޭ ކިޔަވައިދިނުގެ އިތުރު އެހީއެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޓެބްލެޓް ބޭނުން ކޮށްގެން، ސްކޫލުތަކުގައި ކިޔަވައިދޭން މި އަހަރު ފަށަން ތައްޔާރުވެފައިވަނިކޮށް، މިނިސްޓަރު އައިޝަތު ޝިހާމް އާދީއްތަ ދުވަހު ދެއްވި ދިރާސީ އާ އަހަރުގެ ހިތާބުގައި ވިދާޅުވީ ސަރުކާރުގެ ވިސްނުން އަމާޒު ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކާއި މާލެ ސްކޫލުތައް ގުޅާލައި ސްޓޭޓްސް އޮފް ދަ އާޓް ޓެކްނޮލޮޖީގެ ވިއުގައިގެ އެހީގައި ކިޔަވައި ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރު އިންޓަނެޓް ވައިފައިކޮށް، ހިލޭ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
"ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކޮށް ދަރިވަރުންނާއި ޓީޗަރުން އީޖާބީ ގޮތެއްގައި ބައިވެރި ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންޓަނެޓް ވައިފައިކޮށް، ހިލޭ އިންތިޒާމެއް ވެސް މިއަހަރު ތެރޭގައި ހަމަޖެހިގެންދާނެ. އަދި ތައުލީމީ ދާއިރާގެ ކަންތައްތައް ނިންމުމަށް ބޭނުންވާ ތަފްސާ ހިސާބު އެއްކޮށް ބެލެހެއްޓުމާއި ދަރިވަރުންގެ ހާޒިރީ ބެލުމުގެ ކަންތައްތައް އެޑިއުކޭޝަންގެ މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ކުރެވޭނެ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ޖުމުލަ 226 ސްކޫލް ހުރިއިރު، މި އަހަރު ޕްރީ ސްކޫލުގައި 7600 ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި ގްރޭޑް އެކަކުން މި އަހަރަށް 7682 ދަރިވަރުން ނަށް ފުރުސަތު ދިން ކަމަށެވެ.
ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 81،000 ދަރިވަރުން ތައުލީމު ހާސިލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.