ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ބަންދުކޮށްފައިވާ ގޮޅީގެ ސަލާމަތީ ކަންކަން ސްޕެޝަލް އޮޕަރޭޝަންސް(އެސްއޯ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޖަލު ހުކުމް ތަންފީޒު ކުރާ އެހެނިހެން ގައިދީންނާއި ޚިލާފަށް އަދީބު ބަންދުކޮށްފައިވަނީ، ކ. ދޫނިދޫގަ އެވެ. ހުކުމް ތަންފީޒުކުރާ ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބަލަހައްޓަމުންދާ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާއިރު، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހޯމް މިނިސްޓަރު ކުރެއްވި އަމުރެއްގެ ދަށުންނެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން އަދީބުގެ ގޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދަނީ އެސްއޯ ފުލުހުންނެވެ. މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި އެ ގޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓަން މިހާރު ތިބެނީ އެސްއޯގެ "އާ ބެޗުގެ" ފުލުހުންނެވެ.
އަދީބު ބަންދުކޮށްފައިވާ ގޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެސްއޯ ފުލުހުންނާއި ހަވާލުކޮށްފައި މިވަނީ، މިދިޔަ ހަފްތާގެ ތެރޭގައި އެ ގޮޅި ބަލާފާސްކޮށްފައިވަނިކޮށެވެ. އާންމުކޮށް ދޫނިދޫގައި ތިބޭ ފުލުހުން ގޮޅިތައް ރެއިޑް ކުރިނަމަވެސް، އަދީބުގެ ގޮޅި ރެއިޑްކޮށްފައިވަނީ މާލެއިން ދިޔަ ފޮރެންސިކް ޓީމަކުންނެވެ.
އަދީބުގެ ގޮޅި ރެއިޑް ކޮށްފައިވަނީ، ފޯނެއް ގެންގުޅުއްވަމުން ގެންދަވާ ކަމުގެ ތުހުމަތުގައެވެ. އެގޮތުން، ފުލުހުން ތުހުމަތުކުރާ ގޮތުގައި، ގޮޅިއަށް ވަގަށް ފޯނެއް ވައްދައިގެން އަދީބު ގެންދަވަނީ އެކި ފަރާތްތަކަށް ގުޅުއްވައި، ބޭސްފަރުވާގެ ކަންތައްތަކަކާ ގުޅިގެން ޓްވީޓްކުރުމަށް އިރުޝާދު ދެއްވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ކަސްޓޯޑިއަލްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.
ތިން މައްސަލައެއްގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް އިތުރު ޝަރީއަތްތަކެއް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، ސްނައިޕަރަކު ގެނެސްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަަމަށް ބުނާ މައްސަލައަކާއި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލައާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އަދީބުގެ މައްޗަށް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ. އެހެން ނަމަވެސް، މި ދެ ދައުވާގެ ޝަރީއަތް އަދި ނުފަށަފަ އެވެ.
އަދީބު ހައްޔަރުކުރީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ކަމަށް ބުނާ މައްސަލައިގައި 2015 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. ޖަލު ބަންދުގައި ހުންނަވަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދީބުއަށް މިހާރު ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ.
އެގޮތުން، އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބަށް ފުރިހަމައަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އާންމުންގެ އެތައް ބަޔަކު ވެސް ދަނީ ބޭސްފަރުވާގެ ހައްގުން އަދީބު މަހުރޫމް ނުކުރުމަށް ގޮވާލަމުންނެވެ.