ދިރާސީ އާ އަހަރު މިއަދު ފަށާފައިވާއިރު ރާއްޖޭގެ ސްކޫލުތަކުގައި 81،000 ދަރިވަރުން ތައުލީމު ހާސިލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ޖުމުލަ 226 ސްކޫލް ހުރިއިރު، މި އަހަރު ޕްރީ ސްކޫލުގައި 7600 ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި ގްރޭޑް އެކަކުން މި އަހަރަށް 7682 ދަރިވަރުން ނަށް ފުރުސަތު ދިން ކަމަށެވެ.
ޕީޕީއެމް ސަރުކާރުގެ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަތީ ތައުލީމުގެ އެންރޯލުމަންޓް އިތުރުކުރެވިފައިވާ މިންވަރު ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އެންރޯލްމަންޓް 19 ޕަސެންޓުން 32 ޕަސެންޓަށް އިތުރުކޮށްފައިވާނެ ކަމަށެވެ.
މަތީ ތައުލީމުގެ ތަފާތު އެކި ދާއިރާތަކުން ވޭތުވެދިޔަ ހަތަރު އަހަރު 5200 ދަރިވަރުން ދަސްވެނިވިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.