ދެހާސް އަށާރަ ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދެ މަސްދުވަހެއްހާ ދިގު ޗުއްޓީއަކަށްފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު، ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މީގެ ހަތަރު ދުވަސް ކުރިން 400 އަށް ވުރެ ގިނަ ޓީޗަރުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.
ސްކޫލުތައް ހުޅުވާއިރު، ޓީޗަރުން ހަމަނުވާތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. އަދި ސްކޫލުތައް ހުޅުވަން މަދު ދުވަސްކޮޅަކަށްވީފަހުން ޓީޗަރުން ހޯދަން އެޑިއުކޭޝަނުން އިއުލާންކުރުމަކީ ދީރާސީ އާ އަހަރަށް އެ މިނިސްޓްރީ ތައްޔާރުވެފައި ނުވާކަން އަންގައިދޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.
ރާއްޖޭގައި މިއަހަރު އަލަށް ޓެބްލެޓުން ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓެބްލެޓުން ކިޔަވައިދޭން ފަށާނީ މެއި މަހުން ފެށިގެންނެވެ.
މި އަހަރު އަލަށް އެތައް ހާސް ކުދިންނަކަށް ސްކޫލްތަކުން އަލަށް ޖާގަދީފައިވާއިރު، ނިމިގެން ދިޔަ 2017 ވަނަ އަހަރު 3177 ދަރިވަރުންނަށް ސްކޫލުތަކުން ފުރުސަތު ދިނެވެ.