މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިޤްތިސާދީ ސަރަހަށްދުން އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަނެފައިވަނީ ކަނޑުފޭރޭ ބޯޓްތަކެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަމަށާއި މި ބޯޓުތަކަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއްކަމަށެވެ.
މީގެ އިތުރުން އެމީހުންނާއެކު މުޤާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައިވަނީ ހުޝިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ފެނުނު ސޯމާލިއާ ދިދަ ނަގާފައިވާ ދެ ބޯޓް އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު އަލީންނެވެ. އެ ދެ ބޯޓް މިހާރުވަނީ މާލެ ގެނެސްފައެވެ.
"ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މަސްބޯޓެއް އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުން އަތުލި އިރު މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސްބޯޓް ތައިލެންޑުގެ 10 ފަޅުވެރިންނާއި އެކު އަތުލައިގަތީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.