ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފަށް އިތުރު 100 މީހުން އަލަށް ވެއްދުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ހޮނިހިރު ދުވަހު ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ހިތްތައް ޖަރީވެފައިވަނީ ނިޔަނެތިކަމާއި، ކިޔަމަންތެރިކަމުގެ މަތިވެރި ގަހަނާއިންކަމަށާއި، އަދި ސިފައިންނަކީ މީހުންނާމެދު ހިތް ހެޔޮކޮށްހިތާ ހިތް މަޑުމޮޅިކަމާއެކު އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތިބޭ ބައެއް ކަމުގައެވެ.
63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.