އެންޖެލީނާ ޖޯލީ މީހަކާ އަދި ގުޅެން ބޭނުން ނުވާ ކަމަށް އޭނާގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓުތައް ބުނެފިއެވެ.
އެންޖެލީނާއާއި ކެމްބޯޑިއާގެ ފިލްމު އުފައްދާ މީހެއް ކަމަށްވާ ޕްރާޗް ލީއާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެވާހަކަތައް އެންޖެލީނާގެ ގާތްމީހުން ދޮގު ކުރެއެވެ.
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެންޖެލީނާ އެއްވެސް މީހަކާ ގުޅެން ބޭނުން ނުވަނީ އޭނާގެ ދަރިންނަށް ވަގުތު ދިނުމަށެވެ.
އޭނާއަށް އަދިވެސް ބްރެޑް ޕިޓްގެ ހަނދާންތަކުން ދުރަށް ނުދެވޭ ކަމަށް ވެއެވެ.
އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓް ކައިވެނި ކުރީ އަށް އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު 2014 ވަނަ އަހަރުއެވެ. މި ދެ ތަރިންގެ 6 ކުދިން ތިބޭއިރު 3 ކުދިންނަކީ އެޑެޕްޓް ކޮށްފައިވާ ކުދިންނެވެ. ދެ މީހުންގެ އަމިއްލަ ކުދިންނަކީ 10 އަހަރުގެ ޝިލޯހް ނޮވެލް އާއި އަށް އަހަރުގެ ނޮކްސް ލިއޯން އާއި ވިވީން އެވެ. ނޮކްސް ލިއޯން އާއި ވިވީން އަކީ އެއްމާބަނޑު ދެކުދިންނެވެ.
ބްރެޑް ޕިޓަކީ މަޝްހޫރު ފިލްމު އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރާ މީހެކެވެ. ބްރެޑް ޕިޓްގެ ފާހަގަ ކޮށްލެވޭ ފިލްމު ތަކުގެ ތެރޭގައި "ފައިޓް ކުލަބް"، "މަނީބޯލް" އަދި "އޯޝަންސް އިލަވަން" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ ވަނީ "ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން" އިން ދޭ ގޯލްޑަން ގްލޯބް އެވޯޑް ހާސިލް ކޮށްފަ އެވެ.
އޮސްކާ ހާސިލް ކޮށްފައިވާ އެންޖެލީނާ ޖޯލީ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒެއް ކަމަށްވާ އަދި ވީޑިއޯ ގޭމް އެޑްވެންޗާ "ޓޫމް ރެއިޑާ"ގައި އޭނާ ކުޅެފައިވާ އެ ސީރީޒްގެ ޓައިޓަލް ކެރެކްޓާ ކަމަށްވާ "ލާރާ ކްރޮފްޓް"ގެ ރޯލުންނެވެ. އަދި ރެފިއުޖީންނަށް އޭނާ ދަނީ މިހާރު ވެސް ދަނީ އެހީތެރިވަމުންނެވެ.